ޚަބަރު

ރާއްޖެ ކުރިއަށް ގެންދެވޭނީ އަތޮޅުތެރޭގެ ހިންގުން ހަރުދަނާ ކުރެވިގެން - ޝައިޚް އިމްރާން


ރާއްޖެ ހިންގުމުގެނިޒާމް ހަރުދަނާކުރުމަށް އަޅަންއޮތް އެންމެ މުހިންމު ފިޔަވަޅަކީ އަތޮޅުތަކުގެ ހިންގުން ހަރުދަނާ ކުރުންކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ ލާމަރުކަޒީ ދުވަސް ފާހަގަ ކުރުމަށާއި ކައުންސިލްތަކުގެ ޕަރފޯމަންސް އިންޑެކްސް 2017 އިޢުލާން ކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައިއޮތް ދެހާސް ފަސްސަތޭކައަށްވުރެ ދިގު ތާރީޚްގެތެރެއިން ހާހެއްހައި އަހަރުގެ ތާރީޚް ލިޔެވިފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއަށް ލިބިފައިވަނީ ޝަރަފްވެރި ޢިއްޒަތްތެރި ހަޟާރަތެއްކަމަށާއި ތާރީޚްގެ ތެރޭގައި މިނިވަންކަން ދިފާޢުކޮށް މިހާހިސާބަށް ރާއްޖެ ދަތުރުކޮށްފައިވަނީ ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ތެރެއިން ވަރަށްވެސް ސާބިތުކަމާއި އެކުގައި ކަމަށެވެ.

"އަޅުގަނޑުމެންގެ ލިޔެވިފައިވާ ހާހެއްހާ އަހަރުގެ ތާރީޚް އެބަ އޮތް. އާދެ މިކުޑަކުޑަ ދިވެހިރާއްޖެއަކީ ވަރަށް ޝަރަފްވެރި އިއްޒަތްތެރި ހަޟާރަތެއް އޮތް ބައެއް. ތާރީޚްގެ ތެރޭގައި މިނިވަންކަން ދިފާއުކޮށް ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަ ކަމާއެކު ދެމިގެން އައިސްފައި ވަނީ ވަރަށްވެސް މުރާލި ކަމާއެކު." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ރަށްތަކުގެ ހިންގުން ދިވެހިން އަމިއްލައަށް އިންތިޒާމްކޮށްފައިވަނީ އެބައިމީހުންގެ އަތުގައި އެދުވަސްވަރު ހުރި ވަސީލަތްތަކާއި ބޭނުންކުރެވެންހުރި ނިޒާމުތަކުގެ މަތީ ދަރަޖައިގާ ކަމަށެވެ. އަދި މައި ސަރުކާރާ ގުޅިގެން ލާމަރުކަޒީ ގޮތެއްގައި އެމަސައްކަތް ކޮށްފައި ވަނީ ވަރަށް ފުރިހަމައަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެހެން ކަމުން ތާރީޚީ ބަޠަލުންގެ އަގުވަޒަންކޮށް އެކަމުގެ ފަހުރާއި ޝަރަފް އަރުވަން ޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަތޮޅުތަކުގެ ހިންގުން ހަރުދަނާކުރުމަކީ މުޅިރާއްޖޭގެ ހިންގުން ހަރުދަނާކުރުމަށް އަޅަންއޮތް އެންމެ މުހިއްމު ފިޔަވަޅުކަމަށާ، ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ދިރިއުޅެމުން އަންނަ އަތޮޅުތަކަށް ޚިދުމަތް ފޯރުކޮށް ދޭންތިބި ކައުންސިލުތަކުގެ މަސައްކަތްތައް ފުރިހަމަ ކުރެވޭނީ އެލްޖީއޭގެ އެހީތެރިކަން ވެސް ލިބިގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ ދެބަޔަށް ކައިރިން ޚިދުމަތްދޭން ތިބީ އަތޮޅުތަކުގެ ކައުންސިލަރުން ކަމުގައިވާ ހިނދު، އެކައުންސިލަރުންނަށް އެހީތެރިކަމާއި އަޅާލުން ފޯރުކޮށް ދިނުމަކީ މި މުއައްސަސާގެ ޒިންމާއެއް ކަމުގައިވީ ހިނދު. އެ ޒިންމާ އެންމެ ފުރިހަމައަށް އަދާކޮށްގެން މެނުވީ ކައުންސިލަރުން ކުރިއަށް ދިއުމުގެ މަގު ފަހިވެގެން ނުދޭ." މިނިސްޓަރު ވިދާޅުވިއެވެ.

ޒަމާނާ އެއްގޮތަށް ލާމަރުކަޒީނިޒާމު ރާއްޖޭގައި ތަރައްޤީކުރަންޖެހިފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގައި ގޮންޖެހުންތަކެއް ހުރިނަމަވެސް އެކަމުން އަރައިގަނެ ކައިރި މުސްތަގްބަލެއްގައި އެނިޒާމު ހަރުދަނާ ކުރެއްވުމަށް މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. އަދި ހިތްވަރާއެކު އެލްޖީއޭއިން އެމަސައްކަތް ކޮށްދެއްވުމަށް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.

ކައުންސިލުތަކުގެ މަސައްކަތްތަކުގެ ފެންވަރު ވަޒަންކޮށް، ދަރަޖަ ކަނޑައެޅުމަށް ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ ނަމުގައި 2015ވަނަ އަހަރު ތަޢާރަފްކުރި ދަރަޖަ ކުރުމުގެ މިންގަނޑުގެ ދަށުން 2017ވަނަ އަހަރުގެ ޕާފޯމެންސް އިންޑެކްސްގައި ފާހަގަކޮށްލެވޭ ވަކި ދާއިރާތަކަކުން އެވޯޑު ހާސިލުކުރި ކައުންސިލްތަކުގެ ނަންތައް މިއަދުގެ ރަސްމިއަޔާތުގައި ވަނީ އިޢުލާންކޮށްފައެވެ.