ޚަބަރު

އެމްބީއޭ ޗެމްޕިއަންޝިޕްގެ ފައިނަލަށް ކިންގްސް އަދި ރެޕްޓާސް ދަތުރުކޮށްފި


ހަތާވީސްވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގެ ފައިނަލަށް ކިންގްސް ބާސްކެޓްބޯޅަ ކްލަބް އަދި ރެޕްޓާސް ބާސްކެޓްބޯޅަ ކްލަބް ދަތުރުކޮށްފިއެވެ.

މިދެޓީމު ފައިނަލުން ޖާގަހޯދީ އިއްޔެ ކުޅުނު ސެމީ ފައިނަލުގެ މެޗުތައް ކާމިޔާބުކޮށްގެންނެވެ. އެގޮތުން އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ކިންގްސް ބާސްކެޓްބޯޅަ ކްލަބާއި ޓީރެކްސް ބާސްކެޓްބޯޅަ ކްލަބްއެވެ. މި މެޗު އެންމެ ހަތް ޕޮއިންޓުގެ ތަފާތުން ކާމިޔާބުކޮށް ކިންގްސް ވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައެެވެ. އެއީ އަށްޑިހަ އަށްޕޮއިންޓް، އަށްޑިހަ އެއްޕޮއިންޓުންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކިންގްސްއަށް މި މެޗުގައި ފަންސަވީސް ޕޮއިންޓް ހޯދާއިދިން އަހުމަދު ފިރާޝްއެވެ. ޓީރެކްސްއިން މި މެޗުގައި އެންމެ ރަނގަޅަށް ކުޅުނީ، އިސްމާއިލް ވިލްދާންއެވެ. އޭނާ ވަނީ މި މެޗުގައި އެޓީމަށް ނުވަ ޕޮއިންޓް ހޯދާއިދީފައެވެ.

ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ރޭ ބައްދަލުކުރީ ސްޓިންގާސް ބާސްކެޓްބޯޅަ ކްލަބާއި ރެޕްޓާސް ބާސްކެޓްބޯޅަ ކްލަބެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗު އެންމެ ތިން ޕޮއިންޓުގެ ތަފާތުން ކާމިޔާބުކުރީ ރެޕްޓާސް ބާސްކެޓްބޯޅަ ކްލަބެވެ. އެއީ އަށްޑިހަ ނުވަ ޕޮއިންޓް، އަށްޑިހަ ހަ ޕޮއިންޓުންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސްޓިންގާސް އަށް ބާވީސް ޕޮއިންޓް ހޯދާއިދިން މުހައްމަދު ސަމޫހްއެވެ. ރެޕްޓާސްއިން މި މެޗުގައި އެންމެ ރަގަޅަށް ކުޅުނީ އެޓީމަށް ފަންސަވީސް ޕޮއިންޓް ހޯދާއިދިން ހުސައިން އަމީންއެވެ.

މި ނަތީޖާއާއެކު މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލުގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ރެޕްޓާސް ބާސްކެޓްބޯޅަ ކްލަބް ނުކުންނާނީ ކިންގްސް ބާސްކެޓްބޯޅަ ކްލަބާއި ދެކޮޅަށް. އަދި އަންހެން ޑިވިޝަންގެ ފައިނަލުގައި މާދަމާރޭ ސައިކްލޯން ބާސްކެޓްބޯޅަ ކްލަބް ނުކުންނާނީ ޔޫއެން ފްރެންޑްސް އާއި ދެކޮޅަށެވެ.