ޚަބަރު

ރާއްޖޭގެ ހުރިހާ ހިސާބެއްގައި ރެފްރީންނާއި ކޯޗުން ތިބޭނެ - އެފްއޭއެމް


ރާއްޖޭގެ ހުރިހާ ހިސާބެއްގައި މުބާރާތައް ހިންގުމަށް ބޭނުންވާ ރެފްރީންނާއި ކޯޗުން މިހާރު ތިބޭނެކަމަށް އެފްއޭއެމުން ބުނެފިއެވެ. ރާއްޖޭގައި ރެފްރީން ތަމްރީން ކުރުމުގެ ގޮތުން އެފްއޭއެމްއިން ވަރަށް ގިނަ ކޯސްތަކެއް ރާއްޖޭ ތެރޭގައި ހިންގާފައިވާއިރު ކޯޗުން ތަމްރީން ކުރުމުގެ ގޮތުން އެފްއޭއެމުންވަނީ ޑީ ލައިސަސް ތަޢާރަފްކޮށްފައިއެވެ. އަދި ދާދި ފަހުން އެފްއޭއެމުންވަނީ ގޯލް ކީޕަރުން ތަމްރީން ކުރުމަށް ގޯލް ކީޕިންގ ކޯހެއްވެސް ހިންގާފައިއެވެ. އެފްއޭއެމުން މިކޯސް ހިންގާފައިވަނީ އިރާންގެ ތަޖްރިބާކާރަކާއެކުގައިއެވެ. ޕީއެސްއިން ގެނެސްދިން ދިވެހި ފުޓްބޯޅަ ޕްރޮގްރާމްގައި ވާހަކަދައްކަމުން އެފްއޭއެމްގެ ހެޑްއޮފް ގްރާސްރޫޓް އަހުމަދު ޝަރީފް ބުނީ އެފްއޭއެމުން އަލަށް ތަޢާރަފް ކުރެވުނު ޑީ ލައިސަންސް ކޯޗިން ކޯސް ރާއްޖޭގެ 4 ސަރަހައްދަކާއި މާލޭގައި ބާއްވާފައިވާކަމަށެއެވެ. އަދި އައްޑޫގައި ސީ ލައިސަންސް ކޯޗިން ކޯސް ނިންމާފައި ފުވައްމުލަކުގައި ސީ ލައިސަންސް ކޯޗިން ކޯސް ނިންމުމަށްފަހު ލ.އަތޮޅުގައި ސީ ލައިސަންސް ކޯހެއް ހިންގުމަށް ހަމަޖެހިފައިވާކަމަށެއެވެ. ޝަރީފް ބުނީ މިއަހަރު ނިމުމުގެ ކުރިން 12 ރަށެއްގައި ސީ ލައިސަންސް ކޯޗިން ކޯސް ކުރިއަށްގެންދާނެކަމަށެއެވެ.
"މިދިޔަ އަހަރުވަނީ އޭދަފުށީގައި ސީ ލައިސަންސް ކޯޗިން ކޯހެއް ކުރިއަށް ގެންގޮސްފަ. އެކޯހުގައި އެރަށުގެ މަޝްހޫރު ވަރަށް ގިނަ ކުޅުންތެރިންވަނީ ބައިވެރިވެފަ. އެކޯހުންވެސް ވަރަށް ގިނަ ކުޅުންތެރިން ނިކުތްކަން ފާހަގަކޮށްލެވޭ. އަދި މިހާރުވެސް އެބަހުރި ފަނަރަވަރަކަށް ޑީ ލައިސަންސަ ކޯޗިން ކޯސް ކުރިއަށް ގެންދަން ނިންމާފަ. މި ހުރިހާ ކޯހަކީވެސް މާލެއިން ބޭރުގައި ހިންގާ ކޯސްތަކެއް. މިފަދަ ކޯސްތަށް ހަދާ ކުދިން ކޯސް ނިންމުމަށްފަހު ނިކުމެގެން އަމަލީ މައިދާނުގައި މަސައްކަތް ކުރުމުން، އެފްއޭއެމްއަށް ރާއްޖެ ތެރޭގައި މުބާރާތްތަށް ހިންގުމަށް އެއްވެސް އުދަގުލެއް ނުވާނެ." ޝަރީފް ބުންޏެވެ.
އެފްއޭއެމުންވަނީ ދާދިފަހުން ފުރަތަމަ ފަހަރަށް ޔޫތް ކޮންފެރެންސެއްވެސް ބާއްވާފައިއެވެ. މި ޔޫތް ކޮންފަރެސަކީ ޒުވާން ކުޅުންތެރިން ތަމްރީން ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ކޮންފަރެންސެކެއެވެ.