ޚަބަރު

ސްޕެއިންގެ އައު ސަފީރުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި


ސްޕެއިން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހޯޒޭ ރަމޯން ބަރަނާނޯ ފަނާންޑޭޒް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ސްޕެއިންގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރާއި ބައްދަލުކުރައްވައި ރާއްޖެއަށް ވަޑައިގެން ސަފީރުކަމާ ހަވާލުވެވަޑައިގެންނެވި ކަމަށްޓަކައި އެމަނިކުފާނަށް ތަޙުނިޔާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި ސްޕެއިންއާއި ދެމެދުގައި އޮތް ގުޅުމާއި މެދު ރާއްޖެއިން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަން ފާހަގަކުރައްވައި އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި އެ ގުޅުން އިތުރަށް ބަދަހިވާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.

ރައީސް ޞާލިޙް ވަނީ ކުރިޔަށް އޮތް ތަނުގައި ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށާއި، ފަތުރުވެރިކަމުގެ ސިނާއަތާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން އިތުރު ކުރިއެރުންތައް ހޯދުމަށް ސްޕެއިންއާއެކު މަސައްކަތްކުރައްވަން ބޭނުންފުޅުވާކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ސްޕެއިންގެ ސަފީރު ވަނީ ރާއްޖެއަށް ޚިދުމަތް ކުރެއްވުމަށް ފުރުޞަތު ލިބި ވަޑައިގެންނެވުމަކީ ލިބިވަޑައިގެންނެވި ފަޚުރެއް ކަމުގައި ސިފަ ކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.