ޚަބަރު

އދ.ފެންފުށި ކައުންސިލް މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ މެންބަރުންނާއި ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، އދ.ފެންފުށީ ކައުންސިލް މެންބަރުން ވަނީ ފެންފުށީ ކައުންސިލުން އެރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި އިޤްތިޞާދީ ނަފާ އިތުރުކުރުމަށް ރާވާފައިވާ ކަންކަނުގެ މަޢުލޫމާތު ރައީސް ޞާލިޙާ ޙިއްޞާ ކުރައްވާފައެވެ.

މީގެ އިތުރުން އެރަށް ދިމާވެފައިވާ ބިމުގެ ދަތިކަމުގެ މަޢުލޫމާތާއި ޞިއްޙީ މަރުކަޒުގައި ލެބޯރޓަރީއެއް ނެތުމުން ކުރިމަތިވާ ދަތިތަކާއި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމު ވެފައިނެތުމުންނާއި ސްކޫލްގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލު ކުރުމުގައި ހުރި ގޮންޖެހުންތަކާއި ޒުވާނުން ކުޅިވަރު ކުޅޭނެ ދަނޑު ފަދަ ތަންތަން ޤާއިމުވެފައި ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް ރައިސާ ޙިއްޞާ ކުރެއްވިއެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ފެންފުށި ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.