ޚަބަރު

ބެލްޖިއަމްގެ އައު ސަފީރު، ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އަރުވައިފި


ބެލްޖިއަމްގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ފްރެންސުއާ ޑެލްހާޔޭ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ބެލްޖިއަމް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރާ ބައްދަލުކުރައްވައި އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެ ރާއްޖެއަށް ވަޑައިގެން ސަފީރުކަމާ ހަވާލުވެވަޑައިގެންނެވި ކަމަށްޓަކައި ތަހުނިޔާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ބެލްޖިއަމާ ދެ ޤައުމުގެ ދެމެދުގައިވާ ރަހުމަތްތެރިގުޅުން އިތުރަށް ވަރުގަދަ ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ބެލެޖިއަމްގެ ސަފީރު މަޝްވަރާ ކުރެއްވިއެވެ. އެގޮތުން، އިންސާނީ ޙައްޤުތަކާއި މޫސުމަށް އަންނަ ބަދަލުތަކާއި، ހެޔޮ ވެރިކަމެއްގެ މުހިންމުކަމާއި ބައިނަލްއަޤްވާމީ މުހިންމު މައްސަލަތަކުގައި، ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރުމާ ބެހޭގޮތުން ދެބޭފުޅުންގެ މެދުގައި ޚިޔާލު ބަދަލުކުރެއްވިއެވެ.

މީގެ އިތުރުން، މިމަހުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ އީ.ޔޫ. ޕޮލިސީ ޑައެލޮގާއި އަންނަ ޖޫންމަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕާޓްނަޝިޕް ފޯރަމްގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. މިބައްދަލުވުންތަކުގެ ސަބަބުން ރާއްޖެއާއި ބެލްޖިއަމާ ދެޤައުމުގެ ދެމެދުގައިއޮތް ގުޅުން އިތުރަށް ބަދަހިވެ، އިންވެސްޓްމަންޓްތަކާއި އިޤްތިޞާދީ އެކިއެކި ޙަރަކާތްތަކަށް ފުރުޞަތު ފަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ބެލްޖިއަމްގެ އައު ސަފީރު ދެއްކެވި ވާހަކަފުޅުގައިވަނީ އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ.