ޚަބަރު

ކުރަހާފައި ހުންނަ ވޯޓު ބާތިލްކުރުމަށް ހުށަހެޅި ބިލް މަޖިލީހުން ފާސްކޮށްފި


އިންތިޚާބުގައި ބޭނުންކުރާ ވޯޓު ކަރުދާހުގައި ކުރެހުމެއް ނުވަތަ އިތުރު ފާހަގައެއް ހުރެއްޖެނަމަ އެ ވޯޓު ބާތިލުވާ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އިންތިހާބުތަކާ ބެހޭ އާންމު ޤާނޫނަށް ބަދަލު ގެނައުމަށް ޕީޕީއެމްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި އިސްލާހު މަޖިލީހުން ފާސްކުރެއްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 53 މެމްބަރުންގެ އިއްތިފާގުންނެވެ. އަދި މި އިސްލާހު ދިރާސާ ކުރެއްވި ފަސް މެންބަރުންގެ ވަގުތީ ކޮމިޓީން ވަނީ އެ ހުށަހެޅި ގޮތަށް ތަޅުމަށް ފޮނުވާފައެވެ.

މިބިލުގައި ބުނެފައި ވަނީ އިންތިޚާބުގައި ބޭނުންކުރާ ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމުގެ އިތުރުން ވޯޓުދޭ ފަރާތް އެނގޭގޮތަށް އިތުރު ފާހަގައެއް ނުވަތަ ކުރަހާފައި ހުރުމުން ވޯޓު ދިން މީހާގެ ސިއްރުކަން ގެއްލޭ ކަމަށެވެ. އެގޮތުން ކުރަހާފައިވާ ވޯޓު ކަރުދާސް ބާތިލްވާ ގޮތަށް އޮތުމަކީ ގާނޫނު އަސާސީއާއި އިންތިޚާބުތަކާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ސިއްރު ވޯޓެއްގެ ގޮތުގައި ކަށަވަރު ކުރުން ކަމަށެވެ.

ވޯޓު ކަރުދާހުގައި އިތުރު ފާހަގައެއް ޖެހުމުން ވޯޓު ބާތިލުވާނެ ކަމަކަށް އިންތިހާބުތަކާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައި ނުވި ނަމަވެސް ޝާހިދު ހުށަހެޅުއްވި އިސްލާހުގައި ވޯޓު ބާތިލުވާ ކަންކަމުގެ ތެރޭގައި ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެނޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އިތުރު އެހެން ފާހަގައެއް ނުވަތަ ލިޔުމެއް ނުވަތަ ކުރެހުމެއް ކުރަހާފައިވުން ވަނީ ހިމަނާފަ އެވެ.

މިބިލާއި ގުޅޭ ބަހުސް މަރުހަލާގައި ގިނަ މެމްބަރުން ވަނީ ވޯޓު ކަރުދާސްތަކުގައި ކުރަހައިފި ނަމަ، ވޯޓު ބާތިލްވާ ގޮތަށް ކަނޑައެޅުން ލަސްވެއްޖެ ކަމަށާއި އެއީ މިހާރުވެސް ފާސް ކުރަން ޖެހޭ ބިލެއް ކަމަށް ވިދާޅުވެފައެވެ.