ޚަބަރު

ޑރ.މައުސޫމްގެ ސަފީރުކަމުގެ ފަތްކޮޅު ސިންގަޕޫރުގެ ރައީސާއަށް އަރުވައިފި


ދިވެހިރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވި އައު ސަފީރު، ޑރ. ޢަބްދުﷲ މައުސޫމް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ސިންގަޕޫރުގެ ރައީސާ ހަލީމާ ޔަޢުގޫބްއަށް އަރުވައިފިއެވެ.

ޑރ. ޢަބްދުﷲ މައުސޫމްގެ މަގާމުގެ ފަތްކޮޅު ސިންގަޕޫރުގެ ރައީސާއަށް އެރުވުން އެކަމަށްޓަކައި މިއަދު ހެނދުނު ސިންގަޕޫރުގެ ރައީސާގެ ރަސްމީ ގެކޮޅު "އިސްތާނާ"ގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ސަފީރުކަމުގެ ފަތްކޮޅު އެރުއްވުމުގެ މުނާސަބަތުގައި ސިންގަޕޫރުގެ ރައީސާ ވަނީ ޑރ. ޢަބްދުﷲ މައުސޫމަށް ތަހުނިޔާ ދަންނަވައި، ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ޑރ. ޢަބްދުﷲ މައުސޫމް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެގެ ފަރާތްޕުޅުން ހެޔޮއެދުމާއި ތަޙުނިޔާ އަރިސްކުރައްވައި، ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެމަނިކުފާނު މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ޑރ. ޢަބްދުﷲ މައުސޫމް ސަފީރުކަމަށް އައްްޔަނުކުރައްވާފައިވަނީ މިދިޔަ ފެބްރުއަރީމަހުގެ 18 ވަނަ ދުވަހުއެވެ.