ޚަބަރު

އެމްއެމްޕީއާރުސީގެ މައްސަލައިގައި އޭސީސީގެ މެމްބަރުންނާ ސުވާލުކުރަން މަޖިލީހަށް ހާޒިރުކުރަނީ


އެމް.އެމް.ޕީ.އާރު.ސީގެ ޚިޔާނާތާއި ގުޅޭގޮތުން އާންމުކުރި ރިޕޯޓްގައި ހިމެނޭ ބައެއް މައުލޫމާތު އޮޅުންފިލުވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން, އޭސީސީގެ މެމްބަރުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުވާން އަންގައިފިއެވެ.

އެމް.އެމް.ޕީ.އާރު.ސީގެ ޚިޔާނާތާއި ގުޅިގެން އޭސީސީން ކުރިއަށް ގެންދިޔަ ތަޙްޤީޤަށްފަހު އާންމުކުރި ރިޕޯޓާ ގުޅޭ ބައެއް މަޢުލޫމާތު އޮޅުންފިލުވުމަށް އެކޮމިޝަނުގެ މެމްބަރުންނަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުވުމަށް އަންގާފައި ވަނީ މާދަމާ ހެނދުނު 11:00 ޖަހާއިރަށެވެ.

އޭސީސީގެ ނާއިބް ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭ މަޢުލޫމާތު މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މާދަމާގެ ބައްދަލުވުމުގައި ހިއްޞާކުރައްވާނެ ކަމަށާއި އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން އޭސީސީން ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަނެއް ކޮމިޓީއަށް ހިއްޞާކުރައްވާނެ ކަމަށެވެ. އަދި އެއަށްފަހު ކޮމިޓީގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވާނެ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން އޭސީސީން ކުރިއަށް ގެންދިޔަ ތަޙްޤީޤަށްފަހު އެކުލަވާލި ރިޕޯޓް
އެކޮމިޝަނުން ނެރެފައި ވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް އޭސީސީން އެ ރިޕޯޓް އާންމުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި އޭސީސީން 700 އަށް ވުރެ ގިނަ ޞަފްހާގެ މައްޗަށް އެކުލަވައިލާ އާންމުކުރި ރިޕޯޓުގައި ޚިޔާނާތުގެ ފައިސާ ޖަމާވި އެކައުންޓުތަކާއި މީހުންގެ ނަންތައް ވަނީ ހާމަކޮށްފައެވެ. އެގޮތުން އެ ފައިސާ ލިބުނު ފަރާތްތަކުގެ ތެރޭގައި ބައެއް ބޮޑެތި ވިޔަފާރި ކުންފުނިތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން މި ސަރުކާރުގެ މިނިސްޓަރަކާއި ސްޓޭޓް މިނިސްޓަރެއްވެސް ހިމެނެއެވެ.