ޚަބަރު

ވޯޓު ކަރުދާހުގައި ކެނޑިޑޭޓުގެ ފުރިހަމަ ނަމާއެކު އާންމުނަން ޖެހުމުގެ ފުރުޞަތު ދޭން ނިންމައިފި


މަޖިލީހަށް ވާދަކުރާ ކެނޑިޑޭޓުންގެ ފުރިހަމަ ނަމާއެކު އާންމުކޮށް ކިޔާ ނަން ވޯޓު ކަރުދާހުގައި ޖެހުމުގެ ހުއްދަ ދޭން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އީސީން ވިދާޅުވީ އެޕްރީލް މަހުގެ 6 ވަނަ ދުވަހު ބާއްވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓު ކަރުދާހުގައި ކެންޑިޑޭޓުންގެ ފުރިހަމަ ނަމުގެ އިތުރުން އެ ކެނޑިޑޭޓަކަށް ޢާންމުކޮށް ކިޔާ ނަން ނުވަތަ ވަނަން ޖެހުމުގެ ފުރުޞަތު ދޭން ނިންމާފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިގޮތަށް ނިންމާފައިވާއިރު މިހާތަނަށް ބޭއްވި އިންތިޚާބުތަކުގައި ވޯޓު ކަރުދާހުގައި ޖަހާފައިވަނީ އެ ކެނޑިޑޭޓަކަށް ކިޔާ ފުރިހަމަ ނަމެވެ.

ކުރިއަށް އޮތް ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްލަ އަށްޑިހަ ހަތް ދާއިރާއަކަށް 393 ކެނޑިޑޭޓުން ވާދަކުރެއެވެ. އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަންތައްވެސް މިހާރު ވަނީ ތަރުތީބުކޮށް ނިންމާފައެވެ.

މަޖިލިސް އިންތިޚާބުގައި ބޭނުންކުރާނެ ވޯޓު ކަރުދާސް ޗާޕް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލާފައިވާއިރު މިފަހަރުގެ އިންތިޚާބުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށަކާއި 39 ރިސޯޓާއި ބޭރުގެ 7 ޤައުމެއް ހިމެނޭ ގޮތަށް 507 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އަދި މި އިންތިޚަބުގައި ވޯޓު ލުމުގެ ހައްޤު ދުއިސައްތަ ފަސްދޮޅަސް ހަތަރުހާސް ފަސްސަތޭކަ އަށްޑިހަ ނުވަ މީހަކަށް ލިބޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.