ޚަބަރު

ރައީސް ޔާމިން ބަންދުކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން މާދަމާ


ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ތުހުމަތުކުރާ މަނީ ލޯންޑަރިންގެ މައްސަލައިގެ ދައުވާގެ ޝަރީއަތް ނިމެންދެން ޔާމީން ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން ކުރި އަމުރުގެ އިސްތިއުނާފު އަޑުއެހުން ހައި ކޯޓުގައި މާދަމާއަށް ތާވަލުކޮށްފިއެވެ.

ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ދަޢުވާކުރަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފްގެ އެކައުންޓުން އިސްލާމިކް ބޭންކްގައިވާ ޔާމީންގެ އެކައުންޓަކަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ދައުރުކޮށް މާލީ މަންފާ ހޯއްދެވުމާއި މިމައްސަލައިގާ ކުރިއަށް ގެންދިޔަ ފުލުހުންގެ ތަހުގީގަށް ދޮގު މައުލޫމާތު ދެއްވި ކަމުގެ ތުހުމަތުގައެވެ.

ރައީސް ޔާމީންގެމައްޗަށް ތުހުމަތުކުރެވޭ މަނީލޯންޑަރިންގެ ދައުވާގެ ޝަރީއަތް ނިމެންދެން ޔާމީން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރެއްވީ މިދިޔަ ފެބްރުއަރީ މަހުގެ 18ވަނަ ދުވަހުއެވެ. ފެބްރުއަރީ 19ވަނަ ދުވަހު ޔާމީންގެ ފަރާތުން ވަނީ އެމައްސަލަ ހައިކޯޓަށް އިސްތިއުނާފަށް ހުށަހަޅާފައެވެ.
ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑަރިންގެ ދައުވާއާގުޅިގެން އެމައްސަލައިގެ
ހެއްކަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހެކިބަސްދޭ ފަރާތްތަކަށް ރިޝްވަތު ހުށައަޅުއްވަމުންދާކަމަށް ތުހުމަތުކޮށް އެމަނިކުފާނު ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރިޔަށް ގެންދަން އެދުނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުންނެވެ.

ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި ޔާމީން ވަނީ ޕީޖީ އޮފީހުގެ ތުހުމަތުތައް ދޮގު ކުރައްވާފައެވެ. އެގޮތުން އިދިކޮޅު ހެކިވެރިން އެނގިވަޑައި ނުގަންނަވާކަމަށާއި އެހެންކަމަށްވާނަމަ ހެކިވެރިންނަށް ނުފޫޒު ފޯރުވޭނެ ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ހެއްކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާފައި ނުވާނެކަމަށްވެސް ޔާމީން ވަނީ ވިދާޅުވެފައެވެ.