ޚަބަރު

މިނިސްޓަރު ޝާހިދު އދ.ގެ އިންސާނީ ހައްގުތަކާބެހޭ ވަފުދާއި ބައްދަލުކުރައްވައިފި


މިނިސްޓަރ އޮފް ފޮރިން އެފެއާރޒް ޢަބްދުﷲ ޝާހިދު އދ ގެ އޮފީސް އޮފް ދަ ހައި ކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސްގެ ފަރާތުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރައްވަމުން ގެންދަވާ ވަފުދާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ޑިމޮކްރަސީއާއި އިންސާނީ ހައްޤުތަކުގެ ދާއިރާއިން ރާއްޖެއަށް އައިސްފައިވާ ކުރިއެރުމާބެހޭ ގޮތުން މަޝްވަރާކުރައްވާފައިވާކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ. އެގޮތުން މިނިސްޓަރ ޝާހިދު ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން ޑިމޮކްރަސީގެ ހަމަތައް ނެގެހެއްޓުމަށާއި، އިންސާނީ ހައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށް ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވައި، އެއީ މިސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ އެއް ތަނބުކަން މިނިސްޓަރ ފާހަގަކުރައްވާފައިވާކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

މީގެ އިތުރުން އދ.ގެ އިންސާނީ ހައްޤުތަކާބެހޭ ހައިކޮމިޝަނަރުގެ އޮފީހާއި ދިވެހިރާއްޖެއާއި ދެމެދު އޮތް ގުޅުން ހަރުދަނާ ވެގެންދާއިރު، އެކަމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އދގެ އެކި އިދާރާތަކާއި ސްޕެޝަލް ޕްރޮސީޖަރސް އެންޑް މެންޑޭޓް ހޯލްޑަރސްއަށް ރާއްޖެއަށް ވަޑައިގެން މަސައްކަތް ކުރެއްވުމުގެ ފުރުޞަތު ދެއްވުމަށް ސަރުކާރުން ތައްޔާރަށް އޮތްކަންވެސް މިނިސްޓަރ ފާހަގަކުރައްވާފައިވާކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

އދގެ އޮފީސް އޮފް ދަ ހައި ކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސްގެ ފަރާތުން ދިވެހިރާއްޖެއަށް ވަފުދެއް ވަޑައިގަތީ ރާއްޖޭގެ ޙާލަތު ބައްލަވައި، އިންސާނީ ހައްޤުތަކުގެ ޙާލަތު ރަނގަޅުކުރުމަށް ދިވެހި ސަރުކާރަށް އެހީތެރިވެވިދާނެ ދާއިރާތައް ދެނެގަތުމަށެވެ. އެގޮތުން މި ވަފުދުން ވަނީ ކެބިނެޓްގެ ބައެއް ވަޒީރުންނާއި، ސަރުކާރުގެ ބައެއް އިދާރާތަކާއި މިނިވަން ބައެއް މުއައްސަސާތަކާވެސް ބައްދަލުކުރައްވާފައެވެ.

މީގެ އިތުރުން މި ވަފުދުގެ ބޭފުޅުންވަނީ ދާދި ފަހުން އެކުލަވާލެއްވި މަރާލާފައިވާ އަދި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނާއި، ޖަލުތައް އޮޑިޓްކުރާ ކޮމިޓީގެ އިތުރުން މީހުން ބަންދުކުރެވޭ ބައެއް ތަންތަނަށްވެސް ޒިޔާރަތްކުރައްވާފައެވެ.

ޔޫއެން އޮފީސް އޮފް ދަ ހައި ކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސްއާއި ގުޅިގެން ކުރެވޭ މަސައްކަތުގެ ތެރެއިން އިންސާނީ ހައްޤުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވެ، ލަފާ އެރުވުމަށް އިންސާނީ ހައްޤުތަކާއި ބެހޭ ޚާއްސަ މުޝީރެއް ރާއްޖެއަށް ކަނޑައެޅުމަށް ވަނީ ހަމަޖެހިފައެވެ.

މިވަފުދުގައި އިސްކޮށް މަސައްކަތްކުރައްވަނީ ޔޫ.އެން އޮފީސް އޮފް ދަ ހައި ކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސްގެ ރޫލް އޮފް ލޯ ޑިވިޝަންގެ ވެރިޔާ މޯނާ ރިޝްވާމީއެވެ. އަދި ރާއްޖޭގައި ހުންނަވާ އދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރ މިސް ޝޯކޯ ނޯޑާގެ އިތުރުން އޮފީސް އޮފް ދަ ހައި ކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސްގެ އެސޯސިއޭޓް އެކްސްޕަރޓް ޗިއާކީ އޯޓާވެސް މި ވަފުދުގައި ހިމެނެއެވެ.