ޚަބަރު

މާދަމާއިން ފެށިގެން އިންޑިއަށް ދާ ދިވެހިންނަށް 90 ދުވަހުގެ ހިލޭ ވިސާ


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙް އިންޑިއާ ސަރުކާރާއެކު ސޮއިކުރެއްވި އެއްބަސްވުމުގެ ދަށުން ތަފާތު ބޭނުންތަކުގައި އެޤައުމަށްދާ ދިވެހިންނަށް 90 ދުވަހުގެ އޮންއެރައިވަލް ވިސާ މާދަމާއިން ފެށިގެން ލިބޭ ގޮތަށް ހަމަޖައްސައިފިއެވެ.

ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެ ދެމެދުގައި ސޮއިކޮށްފައިވާ ވިސާ އެގްރީމަންޓްގެ ދަށުން މާދަމާއިން ފެށިގެން ދެ ޤައުމުންވެސް އަމަލު ކުރުމަށް އެއްބަސްވެ މިކަމާއި ގުޅޭ ރަސްމީ ލިޔުން ބަދަލުކޮށްފައި ވަނީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައެވެ.

އިންޑިއާއަށްދާ ދިވެހިންގެ ތެރެއިން ތިން މަހަށްވުރެ ކުރު މުއްދަތަކަށް ބޭސް ފަރުވާއަށާއި ވިޔަފާރީގެ ބޭނުންތަކުގައި ދާ ފަރާތްތަކުން ވިސާ ނަގަން ނުޖެހޭއިރު، އިންޑިއާއަށްދާ ދިވެހިންގެ ތެރެއިން 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދޫކުރަން ނިންމާފައި ވަނީ ބޭސް ފަރުވާއަށާއި، ވިޔަފާރީގެ ބޭނުންތަކަށްދާ މީހުންނަށެވެ. އަދި އެއަށްވުރެ ދިގު މުއްދަތެއް ނަމަ ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން އެކަން ހަމަޖައްސައިދިނުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ޓޫރިސްޓުންގެ ގޮތުގައި އިންޑިއާއަށް ދާ މީހުންނަށް ވެސް ވިސާއާ ނުލައި 90 ދުވަހު އެ ގައުމުގައި ތިބެވޭއިރު، ޓޫރިސްޓް ވިސާގައި ގޮސް އުޅެނިކޮށް ސިއްހީ ފަރުވާ ބޭނުންވާ ހާލަތެއް ދިމާވިޔަސް އިތުރު ތަކުލީފަކާއި ނުލައި އެ ޤައުމުގައި މަޑު ކުރެވޭއިރު، ދަރިވަރުންނަށް ވެސް ވިސާ ދިނުމުގައި ލުއި ފަސޭހަ ގޮތްތަކެއް އިންޑިއާ ސަރުކާރުން ވަނީ ހަމަޖައްސައިދީފައެވެ.

އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ވެފައިވާ އާ އެއްބަސްވުމުގެ ސަބަބުން ފަތުރުވެރި ކަމަށާއި ބޭސްފަރުވާއަށާއި ތައުލީމް ހާސިލްކުރުމަށާއި ވިޔަފާރި އާއި ވަޒީފާގެ ބޭނުމުގައި، އިންޑިއާއަށް ދަތުރުކުރާ ދިވެހިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ލިބި ފަސޭހަކަމާ އެކު އިންޑިއާއަށް ދަތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ.

ދިވެހިންނަށް ވިސާ ދިނުމުގައި އިންޑިއާ ސަރުކާރުން ކުރިންވެސް ލުއި ގޮތްތަކެއް ހަމަޖައްސާފައި އޮތް ނަމަވެސް ރައީސް ނަޝީދުގެ ސަރުކާރުގައި އިންޑިއާގެ ޖީއެމްއާރް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ރައީސް ވަހީދުގެ ވެރިކަމުގައި އުވާލުމާއެކު ދިވެހިންނަށް ވިސާ ދިނުމުގައި އިންޑިއާއިން ދަތި ކުރިއެވެ. މި މައްޞަލަ ހައްލުކުރީ ރައީސް ޞާލިޙް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.