ޚަބަރު

ރާއްޖޭގައި އިންވެސްޓާރސް ޑައިލޮގް ބާއްވަން ޝައުގުވެރިވޭ - އީޔޫ


ފުރުޞަތު ލިބިއްޖެނަމަ ރާއްޖޭގައި އިންވެސްޓާސް ޑައިލޮގެއް ބޭއްވުމުގެ ޝައުގުވެރިކަން އެބަހުރިކަމަށް އީޔޫއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓުންގ ލައި މާރގް ވިދާޅުވެއްޖެއެވެ.

އީޔޫއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓުންގ ލައި މާރގް މިހެން ވިދާޅުވީ ކުރުނބާ މޯލްޑިވްސްގައި ބޭއްވި 4ވަނަ މޯލްޑިވްސް – އީޔޫ ޕޮލިސީ ޑައިލޮގް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ، އީޔޫއިން ރާއްޖެއާ، އިގްތިޞާދީގުޅުން ބަދަހިކުރަން ބޭނުންފުޅުވާ ކަމަށާ، އެގޮތުން
އުފެދޭ އިގްތިޞާދީ ގުޅުމުގެ ތެރެއިން ފުރުޞަތު ލިބިއްޖެނަމަ ރާއްޖޭގައި އިންވެސްޓާސް ފޯރަމެއް ބޭއްވުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށެވެ. އަދި ރާއްޖޭއިން ޔޫރަޕްގެ ޤައުމުތަކަށް ދަތުރުކުރެވޭގޮތަށް ޝެންގެން ވިސާ ހޯދުމުގެ މަސައްކަތް ކުރައްވާނެކަމަށްވަނީ ވިދާޅުވެފައެވެ.

އޭނާވަނީ ރާއްޖޭގެ ޝަރުޢީ ނިޒާމް ހަރުދަނާކުރުމަށް ސަރުކާރުން ކުރައްވައި މަސައްކަތަށް މަރުޙަބާ ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޑިމޮކްރަސީއާއި އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް ކުރައްވާ މަސައްކަތްޕުޅަށް މަރުހަބާ ވިދާޅުވެފައެވެ.

ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހަތަރުވަނަ އީޔޫ މޯލްޑިވްސް ޑައިލޮގް ފެށުމުގެ ހަފްލާގައި ޔޫރަޕިއަން ޔޫނިއަން، ފްރާންސް، ޖާމަނީ، ނެދަލެންޑްސް، އޮސްޓްރިއާ، ޗެކްރިޕަބްލިކް، ސްވިޑްން، ޕޮލެންޑް، އިޓަލީ، ރޮމޭނިއާ، އަދި ޔުނައިޓެޑް ކިންގްޑަމްއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މިޝަންތަކުގެ ހެޑް އޮފް މިޝަންސް ނުވަތަ ޑެޕިއުޓީ ހެޑް އޮފް މިޝަންސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޕޮލިސީ ޑައިލޮގްގައި ރާއްޖެއިން ބައިވެރިވެ ވަޑައިގަންނަވާ ވަފުދުގެ އެންމެ އިސް ބޭފުޅަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހުންނެވިއިރު، ޑިފެންސް މިނިސްޓަރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއީ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދާއި، ބަންޑާރަނާއިބް އަލްއުސްތާޛް އިބްރާހީމް ރިފްއަތުގެ އިތުރުން ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިޕޮލިސީ ޑައިލޮގްގައި ސަރުކާރުން އިސްކަންދެއްވާ ތަފާތު ދާއިރާތަކުން ޔޫރަޕިއަން ޔޫނިއަންއާއެކު ގުޅުން ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން ތަރައްޤީގެ ދާއިރާގައި އެއްބާރުލުން ދިނުމާއި ޑިމޮކްރަސީ، ގަވަރނަންސް، އިންސާނީ ހައްޤުތައް، މޫސުމީ ބަދަލުތައް އަދި ސަލާމަތީ ދާއިރާގައި އެއްބާރުލުން އިތުރުކުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.