ދީން

ރަށްރަށުގެ މިސްކިތްތައް ބެލެހެއްޓުން ކައުންސިލްތަކުގެ ބެލުމުގެ ދަށަށް ބަދަލު ކުރަނީ


ރަށްރަށުގެ މިސްކިތްތަކާ ގުޅޭ ހުރިހާ ކަމެއް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބަލަހައްޓަމުން ދާނީ ރަށު ކައުންސިލްތަކުންކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ސަރކިއުލާއެއްގައި ވިދާޅުވެފައިވަނީ މި މަހުގެ 31 ވަނަ ދުވަހާ ހަމައަށް ރަށްރަށުގެ މިސްކިތްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައާއި އެލަވަންސާއި އިނާޔަތްތައް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައި ދޭނެ ކަމަށެވެ. އަދި މިސްކިތްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ބަޖެޓް ކައުންސިލްތަކުގެ ދަށަށް ބަދަލު ކުރުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާ ކަމަށެވެ.

އަދި އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިސްކިތްތައް ފޮޅާ ސާފުކުރުމާއި މަރާމާތުކުރުމާއި މިސްކިތުގެ މަސައްކަތު މުވައްޒަފުންގެ ހާޞިރީ އާއި މުސާރާ އާއި އެލަވަންސާއި އިނާޔަތްތައް ދިނުމުގެ މަސައްކަތްތައް ކުރަމުންގެންދާނީ ރަށު ކައުންސިލް ތަކުން ކަމަށްވެސް މި ސަރކިއުލާގައި ވިދާޅުވެފައިވެއެވެ.

ރަށްރަށުގެ މިސްކިތްތައް ބެލެހެއްޓުން ކައުންސިލްތަކުގެ ބެލުމުގެ ދަށަށް ބަދަލު ކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމާފައިވަނީ ލާމަރުކަޒީ އުސޫލުން ކައުންސިލްތަކަށް ބާރުތައް ދިނުމަށް ސަރުކާރުން ނިންމަވާފައިވާތީއެވެ.