އިންޓަ ސްކޫޅް ވޮލީބޯޅަ މުބާރާތުގައި ބައިވެރިވި އަތޮޅުތެރޭގެ ސްކޫލުތަކަށް އެދެވޭ ގޮތެއްގައި އެސޯސިއޭޝަންގެ ފަރާތުން އެއްބާރުލުން ނުލިބޭކަމަށް ޓިމުތަކުން ބުނެފިއެވެ.
ޓީމުތަކުން ބުނީ އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު އެތައް ގޮތަކުން ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެހެން އަހަރުތަކުގައި އަތޮޅުތެރެއިން އަންނަ ސްކޫލުތަކަށް އެސޯސިއޭޝަނުން މާލީގޮތުން އެހީތެރިވާ ކަމަށާއި މިއަހަރު އެއްވެސް ސްކޫލަކަށް މާލީގޮތުން އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދީފައި ނުވާކަމަށް ސްކޫލުތަކުން ބުންޏެވެ. މީގެ އިތުރުން ޓީމުތަށް މާލެއައިސް ތިބުމަށް އެކޮމޮޑޭޝަން ބްލޮކް ހަމަޖެއްސުމުގައިވެސް ގިނަ ދަތިތަކާއި ކުރިމަތިވި ކަމަށާއި، މިކަމުގައި މިއަހަރު އެސޯސިއޭޝަނުން އިހުމާލު ވެފައިވާ ކަމަށް ސްކޫލުތަކުން ބުންޏެވެ.
މުބާރާތުގައި އަތޮޅުތެރެއިން ވާދަކުރާ ސްކޫލެއްގެ އޮފިޝަލަކު ބުނީ، އެހެން އަހަރުތަކުގައި މާލެ އައުމުގެ ކުރިން އެކޮމަޑޭޝަން ބްލޮކު ހަމަޖެހޭ ކަމަށާއި، ނަމަވެސް މިއަހަރު އެސޯސިއޭޝަނަށް ސިޓީ ފޮނުވައިގެން އެކަން ކާމިޔާބު ނުވި ކަމަށެވެ. ޔޫތް މިނިސްޓްރީގެ ޖަވާބެއް ނުލިބޭކަމަށް އެސޯސިއޭޝަނުން ބުނި ކަމަށާއި، ނަމަވެސް މާލެ އައިސް ޔޫތް މިނިސްޓްރީގެ ސަމާލުކަމަށް އެކަން ގެނައުމާއިއެކު، އެކަން ހަމަޖެހިގެން ދިޔަ ކަމަށެވެ.
ފަރިތަކުރުންތަކަށް އިންޑޯ ހޯލު ލިބުމުގެ ދަތިތަކަކާއި ކުރިމަތިލާން ޖެހިފައިވާއިރު ސްކޫލުތަކުން ބުނީ، މީގެ ކުރިން މުބާތާރުގައި ވާދަކުރަން ޓިމުތަކުން މާލެ އަންނައިރު، އިންޑޯ ކޯޓުގައި ފަރިތަކުރުންތައް ކުރިއަށް ގެންދާނެ ގޮތުގެ ޝެޑިއުލެއް ތައްޔާރުކޮށް ޓިމުތަކަށް އަންގާ ކަމަށާއި، ނަމަވެސް މިއަހަރު އިންޑޯ ކޯޓު ހޯދަން އެސޯސިއޭޝަނަށް ސިޓީ ފޮނުވުމުންވެސް ސިޓީއަށް ޖަވާބެއް ނުލިބޭކަމަށެވެ. އަދި ވައިބާ މެދުވެރިކޮށް ކޮންމެ ސްކޫލަކަށް އެންމެ ދުވަހެއްހެ އެއްގަޑިއިރު ލިބޭނެ ކަމަށް އެސޯސިއޭޝަނުން ބުނި ކަމަށެވެ. އަދި މިކަމަށް ހައްލެއް ހޯދުމަށް އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީއަށް ގުޅުމުންވެސް ހައްލެއް ލިބިފައި ނުވާކަމަށެވެ.
ސްކޫލުތަކުން ބުނީ، ކޮންމެ ސްކޫލަކަށް އެންމެ ދުވަހެއްގެ އެއް ގަޑިއިރު ދޭއިރު، ކޮންމެ ސްކޫލަކުން ތިނެއް ނުވަތަ ހަތަރު ޓީމު ގޮވައިގެން އިންޑޯގައި ޕްރެކްޓިސް ނުކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން އެހެން އަހަރުތަކުގައި، އިންޓަ ސްކޫލު މުބާރާތް މިޑް ޓާމް ބްރޭކާއި ދިމާކޮށް ބޭއްވި ނަމަވެސް މިއަހަރު ސްކޫލުތަކުގެ ކިޔެވުން އޮންނަ ދުވަސްވެއްގައި މުބާރާތް ބާއްވާތީ ދަރިވަރުންނަށް އެކަމުގެ ސަބަބުން ވަރަށް ބޮޑެތި އުނދަގޫ ތަކަކާއި ކުރިމަތިލާން ޖެހޭކަމަށެވެ.
މިއަހަރުގެ އިންޓަ ސްކޫލު މުބާރާތް މިމަހުގެ ވިހިވަނަ ދުވަހު ފަށަން ނިންމާފައިވާއިރު، މުބާރާތުގައި އަތޮޅުތެރޭގެ 8 ސްކޫލަކުން އަދި މާލެއިން 5 ސްކޫލަކުން ވަނީ ބައިވެރި ވެފައިވެއެވެ. ކޮންމެ އަހަރަކުވެސް އިންޓަރ ސްކޫލްގެ ސްޕޮންސަރ މައިލޯއިން ލިބޭ ޖާރޒީތައް މިފަހަރު ހަމަނުޖެހޭތީ އެކަމާއިވެސް ބައިވެރިވި ސްކޫލްތަކުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.