ޚަބަރު

އިބްރާހިމް މަހުދީ މާޒިޔާއަށް ބަދަލުވެއްޖެ



ޓީސީ ސްޕޯޓްސް ކުލަބް ދޫކޮށް އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) މާޒިޔާއަށް ބަދަލްވެއްޖެއެވެ.

މިދިޔަ އަހަރު ޓީސީ ސްޕޯޓްސް ކުލަބްގައި މޮޅު ކުޅުމެއް ދައްކާފައިވާ އިބްރާހިމް މަހުދީ މާޒިޔާއަށް ބަދަލްވެފައިވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ގައުމީ ޓީމް އަދި މިދިޔަ އަހަރު ސީޒަންގައި މޮޅު ކުޅުމެއްދައްކާފައިވާ އިބްރާހިމް މަހުދީވަނީ ޓީސީއަށް ފުރަތަމަ ފަހަރަށް ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

އިބްރާހިމް މަހުދީ މާޒިޔާއަށް ބަދަލްވެފައިވާއިރު، މިއީ މިސީޒަންއަށް ޓީސީ ސްޕޯޓްސް ކުލަބް ދޫކޮށް މާޒިޔާއަށް ބަދަލްވި ތިންވަނަ ކުޅުންތެރިޔާއެވެ. އެއީ އަބްދުﷲ ހަނީފްއާއި އިބްރާހިމް ވަހީދު ހަސަންއެވެ.

ފޭދޫ އިއްބެގެ އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ 2015ވަނަ އަހަރު މިނިވަންޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ފަރެސްމާތޮޑާ ކޮޅަށް ޖެހި މޮޅު ގޯލްއާއެކުއެވެ. 2017ވަނަ އަހަރު ޓީސީ ސްޕޯޓްސް ކުލަބްއަށް ސޮއިކުރުމަށްފަހު ބަންގްލަދޭޝްގައި އޮތް ޝެއިޙް ކަމާލް ކަޕްފައި ޓީސީ ސްޕޯޓްސް ކުލަބް ކާމިޔާބުކުރުމުގައި އިއްބެގެ މޮޅު ކުޅުން ފާހަގަކޮށްލެވެއެވެ.

10 އަހަރަށް ފަހު ރާއްޖެއިން ސާފް ސުޒުކީ ކަޕް މިދިޔަ އަހަރު ކާމިޔާބުކުރިއިރު، ފައިނަލް މެޗްގައި އިންޑިޔާކޮޅަށް ފުރަތަމަ ލަނޑުޖަހާ އިބްރާހިމް މަހުދީވަނީ ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދާފައެވެ.

މިއަހަރުގެ ފުޓްބޯޅަ ސީޒަންއަށް އެންމެ ގިނަ ކުޅުންތެރިން މިހާތަނަށް ގެންގޮސްފައިވަނީ މާޒިޔާއިންނެވެ. އެއީ ނިއުގެ ހަމްޒާ މުހައްމަދު އާއި އެޓީމްގެ އަހުމަދު އަބްދުﷲ އަދި ވިކްޓްރީ ސްޕޯޓްސް ކުލަބްއަށް ކުޅުނު ހުސެއިން ނިހާންއެވެ. މާޒިޔާ ދޫކޮށް ދިޔައީ ޔަސްފާދު ހަބީބް، ގާސިމް ސައްމާމު އަދި އިސްމާޢީލް އީސައެވެ.