ޚަބަރު

ވޮލީގެ އިސްލާހީ މަސައްކަތްތައް ކުރިއަށްއޮތް ދެތިން މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ - ލަތީފް


ވޮލީގެ އިސްލާހީ މަސައްކަތްތައް ކުރިއަށްއޮތް ދެތިން މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް މޯލްޑިވްސް ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ޖުލައި މަހުގައި އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ ޤައުމީ އަންހެން ޓީމާއި ފިރިހެން ޓީމަށްވަނީ އެކަމުގެ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން މުހައްމަދު ލަތީފް ވިދާޅުވީ ވޮލީއަށް ވަރަށް ގިނަ ބަދަލްތަކެއް މިހާރު ގެނެވިފައިވާކަމަށާއި މިހާރު މަސައްކަތް ކުރަމުންދާ އިސްލާޙީ އެޖެންޑާ ނިމުމާއިއެކު ވޮލީގެ ވަރަށް ގިނަ ކަންތައްތައް ރަނގަޅުވާނެކަމަށެވެ.

ލަތީފް ވޮލީގެ ރައީސްކަމާއި ހަވާލުވިފަހުން، މެނޭޖްމަންޓްގެ ވަރަށް ގިނަ ބަޔަކުވަނީ އިސްތިއުފާދީ އަދި ބައެއް ފަރާތްތަކުން ލަތީފް އެސޯސިއޭޝަން ހިންގަމުންދާ ގޮތާއި މެދުވެސްވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ އަބަދުވެސް މަސައްކަތްކޮށްފައިވާނީ އެންމެ ގޮވައިގެން މަސައްކަތް ކުރަންކަމަށާއި އިސްތިޢުފާ ދިނީ ނުވަތަ އަމިއްލައަށް ދިޔައީ އެސޯސިއޭޝަންއާއި ޖެހުނު މައްސަލައަކާއި ގުޅިގެން ނޫންކަމަށާއި އެފަރާތްތަކުން ދިޔައީ އަމިއްލައަށް ފެއިލްވެގެންކަމަށް ލަތީފް ވިދާޅުވިއެވެ.

މިހާރުގެ އެގްޒެކެޓިވް ކޮމެޓީންވަނީ ވަރަށް އިހުލާސްތެރި މަސައްކަތްތަކެއް ފަށާފައިކަމަށާއި މިކަމުން ވޮލީއަށް ވަރަށް ގިނަ ފައިދާތަކެއް ކުރާނެކަމަށް މޯލްޑިވްސް ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވިއެވެ.