އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ފ.އަތޮޅު ސްކޫލުން ހޯދައިފިއެވެ.
މިބައިގެ ޗެމްޕިއަންކަން ފ.އަތޮޅު ސްކޫލުން ކާމިޔާބުކުރީ ފައިނަލުގައި ފަހަތުންއަރައި ވ.ކެޔޮދޫ ސްކޫލު 3-1ސެޓުން ބަލިކޮށްގެންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު ގެންދިޔައީ ކެޔޮދޫންނެވެ. މިސެޓު އެޓީމުން ކާމިޔާބުކުރީ 24-26 އިންނެވެ.
ނަމަވެސް ފ.އަތޮޅު ސްކޫލުން ވަނީ ކުޅުން ވަރުގަދަ ކުޅުމެއް ދައްކައި ފަސޭހަކަމާއިއެކު ބާކީ ތިންސެޓުވެސް ކާމިޔާބުކޮށްފައެވެ. މިސެޓުތަށް އެޓީމުން ގެންދިޔައީ 25-15، 25-18 އަދި 25-02 އިންނެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން، ޗެމްޕިއަން ފ.އަތޮޅު ސްކޫލުގެ ކޯޗް ޢަލީ ޒާހިރު ބުނީ، މިމުބާރާތަކީ ފ.އަތޮޅު ސްކޫލަށް ވަރަށް ކާމިޔާބު އަހަރެއްކަމަށާއި، ކާމިޔާބީގެ ސިއްރަކީ އެންމެން އެއް ރޫޙެއްގައި ކުރި މަސައްކަތް ކަމަށެވެ. އަދި ފައިނަލް މެޗެއްކަމުން އެއް ސެޓު ގެއްލުން އެއީ މައްސަލައެއް ނޫން ކަމަށާއި، ފުރަތަމަ ސެޓު ގެއްލުނު ނަމަވެސް ބާކީ ސެޓުތަށް ގެނެސް ޗެމްޕިއަންކަން ލިބޭނެ ކަމުގެ އުންމީދު އޮތްކަމަށެވެ.
"މައްސަލައެއް ނޫން އެއްސެޓު ގެއްލުމަކީއެއް. ފައިނަލް މެޗެއްވީމަ ވާދަވެރިވެސް ވާނެ. ޕްރެޝަރވެސް އޮންނާނެ. އެހެންވެ ފުރަތަމަ ސެޓު ގެއްލުނީ، އެކަމު އަލުން ހިތްވަރާއެކު މަސައްކަތް ކޮށްގެން ތިން ސެޓު ގެނައީ،" ޢަލީ ޒާހިރު ބުންޏެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ވ.ކެޔޮދޫ ސްކޫލުގެ އެސިސްޓަންޓް ކޯޗުބުނީ، މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅު ކުޅުން ނުދެއްކިގެން ކަމަށާއި، ޗެމްޕިއަންކަން ނުލިބުނު ކަމުގައި ވިޔަސް މާބޮޑު މާޔޫސްކަމެއް ނެތް ކަމަށެވެ.
"އަސްލު ޓީމުގެ އެންމެ މުހިންމު ކުޅުންތެރިންނަށް ކުޅެންވާ ވަރަށް ނުކުޅެވިގެން ބަލިވީ، އެކަމުގެ މެޗުގައި ރެފްރީންގެ ނިންމުންވެސް އެހާ ކަމަކު ނުދޭ، މުބާރާތް ފެށުނީއްސުރެ ގިނަ ޓީމު ތަކަކުން މި އަންނަނީ އެ ޝަކުވާ ކުރަމުން، އެކަމު ހައްލެއް ނުލިބި މި ނިމުނީ." އެސިސްޓަންޓް ކޯޗް ބުންޏެވެ.
ފ.އަތޮޅު ސްކޫލުން ވަނީ މިފަހަރުގެ މުބާރާތުގައި ތިން ކެޓެގަރީއަކުން ރަން މެޑަލް ހޯދައި އެއް ކެޓެގަރީއިން ރިހި މެޑަލް ހޯދާފައެވެ.