ޚަބަރު

ޒިދާން އަލުން ރެއާލްގެ ކޯޗުކަމާއި ހަވާލުވި ފަހުން، އެޓީމް ފުރަތަމަ ފަހަރަށް ބަލިވެއްޖެ


ޒިދާން އަލުން ރެއާލްގެ ކޯޗުކަމާއި ހަވާލުވި ފަހުން، އެޓީމް ފުރަތަމަ ފަހަރަށް ބަލިވެއްޖެއެވެ.

ޒިދާންގެ ކޯޗުކަމުގެ ދަށުން ރެއާލް ފުރަތަމަ ފަހަރަށް ބަލިވީ ރޭ ވެލެންސިއާ އަތުން 2-1ގެ ނަތީޖާއަކުންނެވެ.

ކުރީގެ ކޯޗް ސަންތިއާގޯ ސޮލާރީގެ ނަތީޖާތައް ގޯސްވުމުގެ ސަބަބުން އޭނާ މަގާމުން ދުރުކޮށް ޒިދާނަށް ދެވަނަ ފަހަރަށް ކޯޗްކަން ހަވާލުކުރީ މިދިޔަ މާޗް މަހުއެވެ. އޭގެ ފަހުން ޒިދާންގެ އިރުޝާދުގެ ދަށުން ރެއާލް ކުޅުނު ދެމެޗުވެސް އެޓީމުން ކާމިޔާބުކުރިއެވެ.

ރޭގެ މެޗަށްފަހު ވާހަކަ ދައްކަމުން ވެލެންސިއާގެ ކޯޗް މާރސެލީނޯ ބުނީ މެޗުގައި އޭނާއަށް ގެނެވުނު ބަދަލު ތަކަކީ މެޗު އޭނާގެ ކޮޅަށް ބުރަވި ސަބަބުކަމަށާއި، ނަމަވެސް ލިބުނު ގިނަ ފުރުސަތުތަކެއް ބޭކާރުކޮށްލި ކަމަށެވެ. އަދި ލީގުގައި އޭނާ އަބަދުވެސް މަސައްކަތް ކުރަނީ ކޮންމެ މެޗަކުންވެސް ޕޮއިންޓެއް ނަމަވެސް ހޯދަން ކަމަށާއި، އެހެންކަމުން ރެއާލް އާއި ދެކޮޅަށްވެސް ނިކުތީ މޮޅުވުމުގެ ރޫހުގައި ކަމަށެވެ.

ރެއާލްގެ ކޯޗް ޒިދާން ބުނީ، މެޗުން ބަލިވި ކަމުގައި ވިޔަސް އޭގެ ޒިންމާ ކުޅުންތެރިންގެ ބޮލުގައި އަޅުވަން ބޭނުން ނުވާ ކަމަށާއި، ކޯޗުކަމާއި ހަވާލުވީ އިރުވެސް ރެއާލްއަށް މިސީޒަން އޮތީ ނިމިފައިކަމަށެވެ.