ޚަބަރު

އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ނަމޫނާ ދެއްކުމަށް ކޮމިޝަނާ އޮފް ޕޮލިސް ފުލުހުންނަށް އިލްތިމާސްކުރައްވައިފި


މާދަމާއަކީ ފުލުހުންގެ ޕްރޮފެޝަނަލިޒަމާއި، މަސައްކަތުގެ ނަމޫނާ މުޅި ޤައުމަށް ދައްކުވައިދޭން ލިބިގެންދާ ވަރަށް ރަނގަޅު ފުރުޞަތެއްކަމަށާ، ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ދިވެހި ފުލުހުންނަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ގޮވާލައްވައިފިއެވެ.

މާދަމާ ބާއްވާ ރައްޔިތުން މަޖިލިސް އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން ބްލޫ ޓައިޑްގައި ހަރަކާތްތެރިވާ ހުރިހާ ފުލުހުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ، މާދަމާއަކީ ދައުލަތަށާއި ދިވެހި އެންމެހާ ރައްޔިތުންނަށް ފުލުހުންގެ ޕްރޮފެޝަނަލިޒަމްއާއި، މަސައްކަތުގެ ނަމޫނާ ދައްކުވައިދޭން ލިބިގެންދާ ވަރަށް ރަނގަޅު ފުރުޞަތެއްކަމަށެވެ. އަދި މި ފުރުޞަތުގެ ބޭނުން ކޮންމެ ފުލުހަކުވެސް ހިފައި، ނަމޫނާ ދައްކަވައި ދޭނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

އަދި އިންތިޚާބާބެހޭ ޤާނޫނޫތަކާއި ޤަވާއިދުތަކާ ފުށުއަރާފަދަ ކަމެއް މީހެއްގެ ކިބައިން ނުވަތަ ބައެއްގެ ކިބައިން ފެންނަ ހިނދުވެސް، އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ އުޞޫލުތަކުގެ މަތިންނާއި ފުލުހުންނަށް ދީފައިވާ ބްރީފިންގއާ އެއްގޮތަށް އެކަމެއް ޙައްލުކުރުމަށް މަސައްކަތްކުރުމަށް ކޮމިޝަނަރ އިލްތިމާސްކުރެއްވިއެވެ.

ކުރީގެ އިންތިޚާބުތަކުގައިވެސް ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފުލުހުން ނަމޫނާ ދައްކުވައިދީފައިވާކަން ފާހަގަކުރައްވައި، ފާއިތުވެދިޔަ އިންތިޚާބުތަކުގައި ލިބިފައިވާ ފިލާވަޅުތަކުން އިބުރަތް ލިބިގަނެ، ކޮންމެ ފުލުހަކާ ހަވާލުކުރެވިފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތު ރަނގަޅަށް އެނގިގެން މަސައްކަތް ކުރުމަށްވެސް ކޮމިޝަނަރ އެދިވަޑައިގެންނެވިއެވެ.

އަދި މި އިންތިޚާބަކީ އަމާން ސުލްޙަވެރި މާޙައުލެއްގައި ކުރިއަށްދާ އިންސާފުވެރި އިންތިޚާބަކަށް ހެދުމަށްޓަކައި ފުލުހުން ހިންގާ އޮޕަރޭޝަން ކާމިޔާބުކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް އެދިވަޑައިގެންނެވިއެވެ.

އޮޕަރޭޝަން ބްލޫ ޓައިޑްގެ ކޮމާންޑަރު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވެފައިވަނީ މިއިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށާ، އޮޕަރޭޝަނުގައި ހަރަކާތްތެރިވާ ފުލުހުންނަށް ބޭނުންވާ ތަމްރީނުތައްދީ، އިންތިޚާބުގައި ވޯޓުފޮށި ބަހައްޓާ ތަންތަނުގައި ޙަރަކާތްތެރިވާ ފުލުހުން މިހާރު އެތަންތަނަށް ގޮސް ނިމިފައިވާކަމަށެވެ. އަދި އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނަށް ތައްޔާރުވުމަށް ކުރަމުންއައި ހުރިހާ މަސައްކަތްތައްވެސް މިހާރު ނިމިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.