ވޭތުވެދިޔަ ހަފްތާގައި ޤަވާއިދާ ޚިލާފަށް ޕާކު ކުރި 1013 އުޅަނދެއްގައި ސްޓިކަރ ޖަހާފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހާމަކުރައްވައިފިއެވެ. މިއީ އޭގެ ކުރީހަފްތާއާ އަޅައިބަލާއިރު 194 މައްސަލަ އިތުރު ޢަދަދެކެވެ. ފުލުހުން ނެރުއްވާ ޓްރެފިކް މައްސަލަތަކާއި ގުޅޭ ތަފާސްހިސާބު ތެކުގައި ވޭތުވެ ދިޔަ ދުވަސްތަކުގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްގެން ގިނަ އުޅަނދުތަކެއްގައި ސްޓިކަރ ޖަހާފައިވާކަން ފާހަގަކުރައްވާފައިވެއެވެ.
ވޭތުވެދިޔަ ހަފްތާގެތެރޭގައި މަގުމަތީގެ 53އެކްސިޑެންޓް ހިނގައި 10 މީހަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައިކަމަށް ފުލުހުން ހާމަކުރައްވާފައިވެއެވެ. ފުލުހުންމިކަން ހާމަކުރައްވާފައިވަނީ ޓްރެފިކް މައްސަލަތަކާގުޅިގެން ނެރެމުން އަންނަ ރިޕޯޓްގައެވެ. މިދިޔަ މަހުގެ 30އިން އޭޕްރީލް މަހުގެ 5ވަނަ ދުވަހަށް ފުލުހުން ހިންގި މަގުމަތީގެ އެކި އޮޕަރޭޝަންތަކުގައި 1213 އުޅަނދުވަނީ ޗެކްކޮށްފައެވެ.
ވޭތުވެދިޔަ ހަފްތާގައި ފުލުހުން ނެރުއްވާފައިވާ ޓްރެފިކް މެނޭޖްމަންޓް ރިޕޯޓަށް ބަލާއިރު އެންމެގިނައިން ފާހަގަކުރެވެނީ ޤަވާއިދާޚިލާފަށް ޕާކުކުރި މައްސަލަތަކެވެ. މިދިޔަ ހަފްތާގައި 1013 އުޅަނދެއްގައި ޤަވާއިދާ ޚިލާފަށް ޕާރކުކޮށްގެން ވަނީ ސްޓިކަރ ޖަހާފައެވެ. މީގެ އިތުރުން ލައިސަންސް ނެތި ދުއްވި 182 ފަރާތެއްގެ މައްސަލަ މިދިޔަ ހަފްތާގައި ފުލުހުންނަށް ހުށަހަޅާފައިވެއެވެ. އަދި ލައިސެންސް ކާރޑް ނެތި ދުއްވި 105 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.
މިގޮތުން އުޅަނދުތަކަކީ ދުއްވުމަށް އެކަށީގެންވާ އުޅަނދެއްތޯ ބެލުމަށް ހަދާ ރޯޑް ވަރދިނަސް ނެތިގެން 30 އުޅަނދު ވަނީ ފާހަގަވެފައެވެ. ފުލުހުން ހިންގާފައިވަ އެކި އެޕޮރޭޝަންތަކުގައިވަނީ އަހަރީ ފީ ނުދައްކާހުރި 37އުޅަނދެއް ފާހަގަވެފައެވެ. އަދި މީގެއިތުރުން އިންޝުއަރެންސް ނުކޮށް ދުއްވި 28 އުޅަނދުގެ މައްސަލަ ޓްރެފިކް ފުލުހުން ފާހަގަކުރައްވާފައިވެއެވެ.
ޤަވާޢިދާ ޚިލާފަށް މަގުމަތީގައި ބޭއްވުމުގެ ސަބަބުން 2ކާރާއި، 10 މޮޓޯ ސައިކަލްވަނީ ޓޯކޮށްފައެވެ. ވޭތުވެދިޔަ ހަފްތާގެ ރިޕޯޓްގައިވާ ޓްރެފިކް މައްސަލަތަކުގައި، 18އަހަރުން ދަށުގެ 2 ކުއްޖަކު ސައިކަލުދުއްވި މައްސަލައާއި ދުއްވަންޖެހޭ ސްޕީޑަށްވުރެ ބާރަށް ދުއްވުމުގެ34 މައްސަލައަކާއި ޓްރެފިކް ލައިޓަށް ކަމޭނުހިތުމުގެ 9މައްސަލައާއި، ޓްރެފިކް ނިޝާންތަކަށް ޢަމަލުނުކުރުމުގެ 45 މައްސަލަވެސް ހިމެނެއެވެ.
މީގެ އިތުރުންވެސް ފުލުހުން ވަނީ ޤަވައިދާ ޚިލާފަށް ކޮށްފައިވާ ގިނަ ކަންކަން ފާހަގަކޮށްފައެވެ. މިގޮތުން ޤަވައިދާ ޚިލާފަށް ޓެކްސީ ކުރުމާއި ފޯނުގއި ތިބެ ސައިކަލް ދުއްވުމާއި ބްރިޖާ ހައިވޭގައި ހެލްމެޓް ނާޅާ ދުއްވުމުގެ މައްސަލަތައް ފަދަ މައްސަލަތައް ވަނީ ފާހަގަކޮށްފައެވެ.