ޚަބަރު

ކްލަބް މޯލްޑިވްސް ކަޕްގައި ކްލަބް އާސަންދައިން ފުރަތަމަ މެޗު ކާމިޔަބުކޮށް ފެށުން ރަނގަޅުކޮށްފި


އިބްރާހިމް މައިސާން ގެ މޮޅު ކުޅުމާއިއެކު ކްލަބް އާސަންދަ އިން ކްލަބް މޯލްޑިވްސް މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ކްލަބް އާސަންދައިން އެޓީމުގެ ފުރަތަމަ މެޗުގައި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ (އެމްސީއެސްޓީ) ގެ މައްޗަށް ކުރިހޯދީ 6-4ގެ ވާދަވެރި ނަތީޖާއަކުންނެވެ.

މެޗުގައި ކްލަބް އާސަންދަގެ ހަ ގޯލްގެ ތެރެއިން ފަސް ގޯލް އެޓީމަށް ޖަހައިދިނީ އިބްރާހިމް މައިސާންއެވެ. އަނެއް ގޯލް ޖަހައިދިނީ، ޖަހައިދިނީ ޢަލީ ހަމްދާންއެވެ. އެމްސީއެސްޓީއަށް ލަނޑުތައް ޖަހައިދިނީ އިބްރާހިމް ނައީމް އާއި ޢަލީ ޝާފިއުގެ އިތުރުން މާޖިދް ޢަބްދުލް ޣަފޫރެވެ. މިކުޅުންތެރިންގެ ތެރެއިން ޢަބްދުލް ޣަފޫރު ވަނީ ދެގޯލް ޖަހާފައެވެ.

ރޭކުޅުނު ދެވަނަ މެޗުގައި ކްލަބް ޕްރިޒަން އިން ވަނީ 6-2ގެ ނަތީޖާއަކުން އުރީދޫގެ މައްޗަށް ކުރިހޯދާފައެވެ. މިމެޗުގައި ކްލަބް ޕްރިޒަންގެ އިބްރާހިމް ހަލީމް އާއި އާދަމް މަންސޫރު، ކޮންމެ ކުޅުންތެރިއަކު ވަނީ ހެޓްރިކް ހަދާފައެވެ. ބާކީ ގޯލްތައް އެޓީމަށް ޖަހައިދިނީ އަޙުމަދު ވިޖުދާން އާއި އަމްޖަދް އަލީއެވެ. މެޗުގައި އުރީދޫން ޖެހި ދެ ގޯލް އެޓީމަށް ޖަހަދިނީ މުޙައްމަދު ފާޝިރް އާއި ޢަލީ ފާސިރްއެވެ.

ރޭކުޅުނު "އެއިޓީން ތާރީ ވިމެންސް ފިއެސްޓާ" ގައި ދިވެހި ސިފައިންގެ ކުލަބުން ވަނީ ތަފާތު ބޮޑު ނަތީޖާއަކުން ފެން ކުލަބުގެ މައްޗަށް ކުރިހޯދާފައެވެ. މިމެޗު ޑީއެސްސީ އިން ކާމިޔާބުކުރީ 18-1އިންނެވެ.

މިމެޗުގައި ޑީއެސްސީގެ މަރިޔަމް ރިފާ ވަނީ 8 ގޯލް ޖަހާފައެވެ. އަދި އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ސޯހިލާ ވަނީ 4 ގޯލް ޖަހާފައެވެ. މައީޝާ އަބްދުލް ހަންނާން ދެ ގޯލް ޖެހިއިރު ފާތިމަތް ފަޒްރާ، ޝަފާ ޝިއުތް އަދި އާމިނަތް އަޒީމާވެސްވަނީ މެޗުގައި ގޯލް ޖަހާފައެވެ. ފެންކުލަބުގެ ހަމައެކަނި ލަނޑަކީ ޑީއެސްސީގެ ރައުފާ މުޙައްމަދުގެ އަތުން ބައިކޮޅައް ވަތް ލަނޑެކެވެ.

"އެއިޓިން ތާޓީ ވިމެންސް ފިއެސްޓާ" ގައި ރޭކުޅުނު ދެވަނަ މެޗުގައި، މުބާރާތުގެ އެންމެ ކާމިޔާބު ޓީމް ކްލަބް އިމިގްރޭޝަނުން ވަނީ 4-1އިން ކްލަބް ވެމްކޯގެ މައްޗަށް ކުރިހޯދާފައެވެ. މެޗުގައި މޮޅު ކުޅުމެއް ދެއްކި އިމިގްރޭޝަންގެ ކެޕްޓަން ފަދުވާ ޒާހިރު ހެޓްރިކެއް ހެދިއިރު، އެޓީމުގެ ފަހު ގޯލް ޖަހައިދިނީ ބިދޭސީ ކުޅުންތެރިޔާ ރާނީއެވެ. ވެމްކޯއަށް އެޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ، ބިދޭސީ ކުޅުންތެރިޔާ މަދީނާއެވެ.