ވިޔަފާރި

ޗައިނާގައި ކުރިއަށްދާ ކޮޓަމް ފެއާގައި ރާއްޖެ ބައިވެރިވެއްޖެ


ޗައިނާގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ފެއާ ޗައިނާ އައުޓްބައުންޑް ޓްރެވަލް އެންޑް ޓުއަރިޒަމް ފެއަރ، ކޮޓަމްގައި ދިވެހި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މިއަހަރުގެ ފެއަރގައި ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީއާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 10 ކުންފުންޏަކުން ވިއްސައް ވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ.

ދިވެހިރާއްޖޭގެ ޑެލިގޭޝަނުގައި އިސްކޮށް ހުންނެވީ ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ފައިސަލްއެވެ. ފެއަރގެ ތެރެއިން ސަފީރު ވަނީ ރާޢްޖެއާއި ޗައިނާއާއި ދެމެދު އޮންނަ ފަތުރުވެރިކަމުގެ ގުޅުމާބެހޭ ގޮތުން ޗައިނާގެ މީޑިއާގެ އެކި ފަރާތްތަކަށް މައުލޫމަތު ދެއްވާފައެވެ.

މިއަހަރުގެ ފެއަރއާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން އެމްއެމްޕީއާރުސީގެ އެސިސްޓަންޓް ޑިރެކްޓަރ ރީނާ އަބްދުލް ވާހިދު ވިދާޅުވީ، ޗައިނާގައި ރާއްޖެ އިތުރަށް އިޝްތިހާރުކުރުން މުހިންމުކަމަށެވެ. އަދި މިފެއަރގެ ޒަރިއްޔާއިން ޗައިނާގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުކުރުމަށް މަގުފަހިވެގެން ދާނެކަމަށެވެ.

ކޮޓަމް ފެއަރގެ ރާއްޖޭގެ ސްޓޭންޑް ޑިޒައިން ކޮށްފައިވަނީ ރާއްޖޭގެ ރީތި މަންޒަތުތައް ދައްކުވައިދޭ ގޮތަށެވެ. މީގެ އިތުރުން ރާއްޖޭގެ މައުލޫމާތު ހިމެނޭ ފޮތްތަކާއި، އެނޫންވެސް ހަރަކާތްތައް ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަމާޒުކޮށް ކުރިއަށްގެންދެއެވެ.

ކޮޓަމް ފެއަރގައި ބައިވެރިވާ ދިވެހި ކުންފުނިތަކުގެ ތެރޭގައި ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސް، އަމާޔާ ކުޑަރަށް، ޓްރިޕަލްއޭ ހޮޓެލްސް އެންޑް ރިޒޯޓްސް، ހުޅުލެ އައިލެންޑް ހޮޓެލް، މޫވް އެންޑް ޕިކް ރިޒޯޓް ކުރެދިއްޕަރު މޯލްޑިވްސް، ކަނޑިމަ މޯލްޑިވްސް، ބްލިސް ދިގުފަރު، ކޮކޫން މޯލްޑިވްސް، ކްރޮސްރޯޑް މޯލްޑިވްސް އަދި ކެނަރީފް ހިމެނެއެވެ.

މިއަދު ފެށި ކޮޓަމް ފެއަރ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، ޗައިނާގެ ބެއިޖިންގެ އެގްރިކަލްޗަރ އެގްޒިބިޝަން ސެންޓަރގައި މިމަހުގެ ސަތާރަ ވަނަ ދުވަހުގެ ނިޔަލަށެވެ.

މިދިޔަ އަހަރު ޗައިނާއިން ރާއްޖެއަށް 283،116 ފަތުރުވެރިން ޒިޔާރަތްކުރިއިރު، މިއީ އެއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ ނިސްބަތުން ބަލާނަމަ 19.1 އިންސަތައެވެ. ޗައިނާއަކީ ވޭތުވެދިޔަ 9 އަހަރު ރާއްޖެއަށް އެއް ޤައުމަކުން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެވެ.