ޚަބަރު

ސެމީގެ ޖާގައެއް ހިރިޔާ ސްކޫލުން ހޯދައިފި



ރެހެންދި ސްކޫލް ބަލިކޮށް މަމެން އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ތޭރަ އަހަރުން ދަށުގެ ސެމީ ފައިނަލަށް ހިރިޔާ ސްކޫލް ދަތުރުކޮށްފިއެވެ.

ހިރިޔާ ސްކޫލުން ސެމީގެ ޖާގައެއް ހޯދީ ކުއާޓާގައި ރެހެންދި ސްކޫލާއި ވާދަކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރުވެސް ދެޓީމުންކުރެ އެއްވެސް ޓިމަކަށް ލަނޑެއް ނުޖެހި އޮތުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 3-1 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

ހިރިޔާ ސްކޫލަށް އެޓީމުގެ ޕެނަލްޓީތަށް ކާމިޔާބުކޮށްދިނީ ނަހްޔާން ހުސައިން ހަބީބް އާއި، ޢަބްދުﷲ އިޒާން ބިން މުޙައްމަދުގެ އިތުރުން މުޙައްމަދު ޝަހުދު ސިނާން. ރެހެންދި ސްކޫލުން ހަމައެކައި ޕެނަލްޓީ ކާމިޔާބުކުރީ އާޔަން މުޙައްމަދެވެ.

މެޗައްފަހު ވާހަކަ ދައްކަމުން ހިރިޔާ ސްކޫލުގެ ކޯޗް ޢަބްދުލް ޙަމީދު މުޙައްމަދު ބުނީ، މެޗުގައި ފެނިގެންދިޔައީ ކުޅުންތެރިން ކުރި ހިތްވަރުގެ ނަތީޖާ ކަމަށާއި، ގަދައަޅާ މަސައްކަތް ކޮސްފިނަމަ ކޮންމެ ކަމެއްވެސް ކާމިޔާބުވާނެކަން އޭނާގެ ކުދިން ހާމަކޮށްދީފިކަމަށެވެ.

"އަސްލު މިފެނިގެން ދިޔައީ އެންމެ ފަހު ވަގުތާ ޖެހެންދެން އެކުދިން ކުރި ހިތްވަރު، އެކުދިިން ސާބިތުކޮށްދީފި މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއްވެސް ވާނެކަން. ދެން ކީޕަރުގެ ކުޅުމް އަޅުގަނޑު ފާހަގަކުރަން. ކީޕަރު ދައްކުވައިދީފި އެއީ ހުނަރުވެރި ކުއްޖެއްކަން." ޢަބްދުލްޙަމީދު މުޙައްމަދު ބުންޏެވެ.

މެޗައްފަހު ވާހަކަ ދައްކަމުން ރެހެންދި ސްކޫލުގެ އެސިސްޓަންޓް ކޯޗް މުޙައްމަދު އަޙުމަދު ބުނީ، މެޗުގައި އޭނާގެ ޓިމުން، ރާވާފައިވާ ގޭމް ޕްލޭނާއި އެއްގޮތަށް ކުޅުނު ކަމަށާއި ނަމަވެސް ހަމައެކަނި ދިމާވީ ސްކޯރިންގެ މައްސަލަ ކަމަށެވެ.

"އަސްލު އަޅުގަނޑުމެން ރާވާފައޮތް ގޭމް ޕްލޭނާއި އެއްގޮތަށް ކުދިން ކުޅުނު. އެކަމު ހަމައެކަނި މައްސަލައަކީ ސްކޯރިންގެ މައްސަލަ. މުޅި މެޗު ޑޮމިނޭޓް ކޮށްގެން ކުޅުނީވެސް އަޅުގަނޑުމެން. އެކަމު ގޯލަށް ނިންމާނުލެވޭ މައްސަލަ އެކަނި ޖެހުނީ. ދެން ސެމީއަށް ދަތުރުކުރި ޓީމަށް މަރުހަބާކިޔަން." މުޙައްމަދު އަޙުމަދު ބުންޏެވެ.

މުބާރާތުގެ ސެމީގެ ޖާގައެއް ހިރިޔާ ސްކޫލުގެ އިތުރުން ދެން ހޯދާފައިވަނީ ޅ.އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ.