ޚަބަރު

މިސްކިތްތަކަށް އެހީވާން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ދިނުމަށް ޚާއްޞަ ޙަރަކާތެއް ބާއްވަނީ


މިސްކިތްތަކަށް އެހީވާން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ދިނުމަށް ޚާއްޞަ ޙަރަކާތެއް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ނިންމަވައިފިއެވެ.

"ދަރުމަ ކަމާކެމި" ނަމުގައި ހިންގާ މިހަރަކާތުގައި މިސްކިތްތަކަށް އެހީވާން ބޭނުންވާ އާއްމު ރައްޔިތުންނަށް އެ ފުރުޞަތު ހުޅުވާލާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަ އެކިއެކި ފަންޑުތައް ދިރުވާ ޢަލާކޮށް އެއަށް ފައިސާ ހޯދުމުގެ މަސައްކަތްވެސް މި ޙަރަކާތުގެ ތެރެއިން ކުރިއަށްދާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

އެއްދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:30 އަށް އިސްލާމީ މަރުކަޒު ސަރަހައްދުގައެވެ. މިހަރަކާތުގައި މިނިސްޓްރީއާ މިނިސްޓްރީގެ ދަށުން ހިންގަމުންދާ ތަންތަނުގެ ސްޓޯލްތައް ހުންނާނެކަމަށް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ވިދާޅުވީ މި ހަރާކާތް ކުރިއަށްދާއިރު އެކިކަހަލަ މަޢުލޫމާތު ލިބޭނެ ސްޓޯލްތައްވެސް ބަހައްޓާފައިހުންނާނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މި ހަރަކާތުގެ ތެރެއިން ޒަކާތް ބަލައިގަންނަ ގޮތާއި ޒަކާތުގެ ފައިސާ ޚަރަދު ކުރާ ގޮތާއި ފާއިތުވިއަހަރު ޒަކާތުގެ ގޮތުގައި ފައިސާ ލިބުނު ޢަދަދުވެސް ހާމަކުރައްވާނެކަމަށެވެ. އަދި ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާތައް ޚަރަދުކޮށްފައިވާ ގޮތްތައް ހާމަކޮށް އޭގެ ބެހެނިވެރިންނަކީ ކޮބައިކަން ކިޔައިދިނުމަށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން މި ހަރަކާތުގެ ތެރެއިން މުދަލު ޒަކާތް ބަލައިގަތުމާއި ޒަކާތައް މީހުން ހޭލުންތެރިކުރުމަށްވެސް ނިންމާފައިވާކަމަށެވެ.

"އިސްލާމިކް މިނިސްޓްރީގެ ސްޓޯލެއްގައި ހުންނާނެ ކުރެހުންތަކެއް. އެއީ 500 މީހުން ނުވަތަ 700 މީހުންނަށްއެއް ފަހަރާ ނަމާދުކުރެވޭނެ މިސްކިތްތަކުގެ ކުރެހުންތައް ހުންނާނެ. ޞަދަޤާތަށްޓަކައި މިސްކިތްތައް އަޅަންބޭނުންވާ ފަރާތްތަކަށް އެ އެ ފުރުޞަތު މިހަރަކާތުގެ ތެރެއިން ހުޅުވާލަން. "މިނިސްޓަރ ވިދާޅުވިއެވެ

އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ މިހަރަކާތުގައި މިސްކިތްތައް އެޅުމަށް ބޭނުންވާ ރަށްތައްވެސް ފާހަގަކުރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން މިސްކިތްތަކަށް ޚާއްސަކޮށްފައިވާ ސްޓޯލަކުން މިސްކިތްތަކަށް ބޭނުންވާ މަރާމާތާއި، މަރާމާތު ކުރުމަށްބޭނުންވާ މިސްކިތްތަކާއި، ޚަރަދުވާ ވަރުގެ މަޢޫލޫމާތުތައް ހިއްސާކުރުމަށްވެސް ވަނީ ނިންމާފައެވެ. އަދި އެ މިނިސްޓްރީން ބަލަހައްޓަމުންދާ ފަންޑުފޮށިތައް ބެހެއްޓުމަށް ނިންމާފައިވާއިރު އޮންލައިންކޮށް އެހީވުމަށް ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުޞަތު އޮންނާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. މިހަރަކާތުގައި ދިނީ މައުލޫމާތުތައްވެސް ދިނުމަށް ވަނީ ނިންމާފައެވެ.