ޚަބަރު

ޤައުމީ މުބާރާތްތަކަށް ދަރިވަރުން ތައްޔާރުކުރަން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ


އަތޮޅު ލެވެލްގައި ބާއްވާ ޤުރުއާން މުބާރާތްތަކުން ވަނަ ހޯދަން މަސައްކަތްކުރާގޮތަށް ޤައުމީ ފެންވަރުގައި ބާއްވާ މުބާރާތްތަކުން ރަންވަނަ ހޯދަން މަސައްކަތްކުރުމަށް ހދ.އަތޮޅުގެ ކައުންސިލްގެ ރައީސް ވިދާޅުވެއްޖެއެވެ.

އަތޮޅު ކައުންސިލްގެ ރައީސް ޙުސެން ޙަސަން މިހެން ވިދާޅުވީ ހދ އަތޮޅު ކައުންސިލުން ބާއްވާ ހދ އަތޮޅު ޤުރުއާން މުބާރާތް ފެށުމުގެ ގޮތުން ހިއްޔެ ހަވީރު ބޭއްވި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ އަތޮޅު ޤުރުއާން މުބާރާތްތަކަކީ އަތޮޅު ކައުންސިލުން ބޮޑު ހޭދައެއް ކޮށްގެން ބާއްވާ މުބާރާތަކަށްވާއިރު މިފަދަ މަސައްކަތްތަކުން އެކަށީގެންވާ ނަތީޖާއެއް ހޯދުމަށް ދަރިވަރުން މަސައްކަތްކުރުން މުހިންމު ކަމަށެވެ. އެގޮތުން މިފަދަ މުބާރާތްތަކުން ހޯދާ ވަނަތަކާއެކު ޤައުމީ މުބާރާތްތަކަށް ތައްޔާރުވެ އެފަދަ މުބާރާތްތަކުން ހދ އަތޮޅުގެ ދަރިވަރުން ރަން ވަނަ ހޯދަން ޖެހޭކަމަށެވެ.

ކައުންސިލްގެ ރައީސް ވަނީ، ބައެއް ރަށްތަކުގެ ދަރިވަރުން ތަކުރާރުކޮށް ރަނގަޅު ވަނަތައް ހޯދަމުންދާކަން ފާހަގަކޮށް، އެއީ ރައްޔިތުންނާއި ކައުންސިލްތައް ގުޅިގެން ކުރާ ބުރަ މަސައްކަތްކަން ފާހަގަކޮށްފައެވެ. އަދި މިފަދަ މުބާރާތްތަކުން ރަންވަނަތައް ހޯދުމަށް ދަރިވަރުން ތަމްރީނު ދިނުމަށް ފެންވަރު ރަނގަޅު ޤާރީން ބޭނުންވާކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ހދ އަތޮޅު ކައުންސިލުން ބާއްވާ ހދ އަތޮޅު ޤުރުއާން މުބާރާތުގައި މިއަހަރު 11 ރަށުން 132 ކުދިން ވަނީ ބައިވެރިވެފައެވެ.