ސިޔާސީ

ލަންކާ ހަމާލާގައި އިސްކޮށް އުޅުނު ޒަހްރާން ރާއްޖެ އައިސްފައިނެތް - އިމިގްރޭޝަން


މިދިޔަ އާދީއްތަ ދުވަހު ސްރީލަންކާއި ދިން ޓެރަރިސްޓް ހަމަލާ ދިނުމުގައި އިސްކޮށް އުޅުނު މޮއުލްވީ ޒަހްރާން ހާޝިމަކީ، ވޭތުވެދިޔަ ފަސް އަހަރުތެރޭގައިވެސް ރާއްޖެ އެތެރެވެފައިވާ މީހެއް ނޫންކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

ޒަހްރާން މީގެ ކުރިން ރާއްޖެއައިސް އުޅެފައިވާކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވަމުން އިމްގްރޭޝާނުން މިރޭ ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރުވެސް އަދި އޭގެ ކުރިންވެސް ޒަހްރާން ރާއްޖެ އެތެރެވެފައިވާކަމުގެ އެއްވެސް ރެކޯޑެއްނެތްކަމަށެވެ. އަދި އޭނާ ރާއްޖޭ އައިކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ވާހަކަތަކެއްކަމަށް އިމިގްރޭޝަނުން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

އަވައްޓެރި ސްރީލަންކާއަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމާލާއާއި ގުޅިގެން ކުރިމަތިވެފައިމިވާ މި ޚުތޫރަތްތެރި ދަނޑިވަޅުގައި އޮޅުންއަރާ ގޮތަށް އެއްވެސް ފަރާތަކުން މައުލޫމާތު ނުފެތުރުމަށާއި، އެފަދަ ވާހަކަތައް ފެތުރުމުގެ ކުރިން ކަމާގުޅުންހުރި އިދާރާތަކުން އެކަންކަން ކަށަވަރުކުރުމަށްވެސް މޯލްޑިވްސް އިމްގްރޭޝަނުން ވަނީ މީޑިއާތަކަށް އިލްތިމާސް ކުރައްވާފައެވެ.

ސްރީލަކާގައި ހިންގި ބޮންގޮއްވުމުގެ ހާދިސާއާއި ގުޅިގެން ކުރިމަތިވެފައިވާ ނުރައްކާތެރިކަމާ ގުޅިގެން ރާއްޖެއާއި، ބޭރުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންކަން ކުރަމުންދާކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއްވައެވެ. ސްރީ ލަންކާގެ ޙަމަލާތަކާ ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ރާއްޖޭގެ ބޯޑަރ ކޮންޓްރޯލްގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

އާދީއްތަ ދުވަހު ސްރީލަންކާއަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ ޢަދަދު މިހާރުވަނީ 359 އަށް އަރާފައެވެ. މި ހަމަލާތަކުގެގެ ޒިންމާ އިސްލާމިކް ސްޓޭޓުން މިހާރު ވަނީ އުފުލާފައެވެ.