ސިޔާސީ

ކެންދޫއާ ހުޅުދެއްޔަށް ބޭނުންވެފައިވާ އިޖްތިމާޢިީ އަދި އިޤްތިޞާދީ ކަންކަން ރައީސާ ހިއްސާކޮށްފި


މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުވެފައި ނެތުމުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އެރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ހިއްސާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ބ. ކެންދޫ ކައުންސިލްގެ މެންބަރުންނާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ރަށުގެ މިހާރުގެ ހާލަތާއި، ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާ ބެހޭ މަޢުލޫމާތު ކައުންސިލްގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ.

އެގޮތުން ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކެންދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުވެފައި ނެތުން ކަމުގައި ކައުންސިލު މެންބަރުން ވިދާޅުވިއެވެ. އަދި ރަށް ގިރުމުގެ ސަބަބުން ދިމާވާ މައްސަލަތަކާއި، ރަށަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަން ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ހިއްސާ ކުރައްވާފައެވެ. މީގެ އިތުރުން ކެންދޫ ސްކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި، މަސްވެރިން ބާނާ މަސް ވިއްކޭނެ އެކަށީގެންވާ ނިޒާމެއް ނެތުމުން މަސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތައްވެސް ރައީސްއާ ވަނީ ހިއްސާ ކުރައްވާފައެވެ.

ކެންދޫގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ވަނީ ދ. ހުޅުދެލި ކައުންސިލްގެ މެންބަރުންނާއިވެސް ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި، ރަށުގެ މިހާރުގެ ހާލަތާއި، ހުޅުދެލި ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާ ބެހޭ މަޢުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ މަޢުލޫމާތު އަރުވާފައެވެ.

އެގޮތުން ރަށުގެ ކަރަންޓުގެ ހާލަތު ދަށްވުމާއި، ބަނދަރުގެ ދަތިކަމާއި، ރަށުގެ ޞިއްޙީ މަރުކަޒުން ލިބެންހުންނަ ޞިއްޙީ ޚިދުމަތްތައް މަދުވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައް ހިއްސާ ކުރެއްވިއެވެ. އަދި ރަށުގެ ބިންހިއްކުމާއި ސްކޫލުގެ ޖާގަ އިތުރުކުރުމަށް ބޭނުންވެފައިވާކަން ވެސް ހުޅުދެލީ ކައުންސިލުގެ މެންބަރުން ފާހަގަކުރައްވައިފައިވެއެވެ.

މިބައްދަލުކޮށްލެއްވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް ބޭނުންވެފައިހުރި ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުގެ މުއައްސަސާތަކާއި މިގޮތަށް ބައްދަލުކޮށްލެއްވުމުގެ މައިގަނޑު ބޭނުންފުޅަކީ ރައްޔިތުންގެ އަޑު ވީހާވެސް ގާތުން އައްސަވައި ރައްޔިތުންގެ ބޭނުންތައް އޮޅުންފިލުއްވުން ކަމުގައި ވިދާޅުވިއެވެ.