ޚަބަރު

ނާއިބު ރައީސް ފައިޞަލް ނަސީމް ސިންގަޕޫރުގެ މިނިސްޓަރ ފޯ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާ ބައްދަލު ކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ސިންގަޕޫރުގެ މިނިސްޓަރ ފޯ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، ޑެޒްމޮންޑް ލީއާ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލު ކުރެއްވުމުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަކޮށްގެން ތަފާތު ޕްރޮގްރާމްތައް ރޭވުމާ ބެހޭ ގޮތުންނާއި، އެ ދާއިރާއިން މަޢުލޫމާތާއި ތަޖުރިބާ ހިއްސާ ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި، ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެ ޤައުމަށް ފައިދާހުރި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުންވެސް މި ބައްދަލު ކުރެއްވުމުގައި މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލު ކުރެއްވުމުގައި، ސިންގަޕޫރުގެ މިނިސްޓަރ ފޯ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ވަނީ، ސިންގަޕޫރުން އަބަދުވެސް ދިވެހިރާއްޖެއަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެމުން ގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިހާރު ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ ސެންޓްރަލް ނާކޮޓިކްސް ބިއުރޯ އަދި އެޤައުމުގެ ޕްރިޒަން ސަރވިސްގެ އިސް ބޭފުޅުންނާ ވެސް ވަނީ ބައްދަލުކުރައްވާފައެވެ.