ޚަބަރު

ދެވަނަ މެޗުންވެސް ބަލިވެ ރާއްޖެއަށް ސެމީގެ ފުރުސަތު ހަނިވެއްޖެ


އޭސީސީ ވެސްޓާން ރީޖަން 19 އަހަރުން ދަށުގެ ކްރިކެޓް މުބާރާތުގައި ރާއްޖެ ކުޅުނު ދެވަނަ މެޗުންވެސް ބަލިވެ ސެމީފައިނަލުގެ ފުރުސަތު ހަނިވެއްޖެއެވެ.

ދެވަނަ މެޗުގައި ރާއްޖެ ވާދަކުރީ އެންމެ ފަހުން 19 އަހަރުން ދަށުގެ ވޯލްޑްކަޕް ކޮލިފައިން ޗެމްޕިއަން އޮމާން އާއި ދެކޮޅަށެވެ. މެޗުގައި ޓޯސް ދިމާވުމުން އޮމާންއިން ގަސްތުކުރީ ކުޅޭށެވެ. އޮމާންގެ އިނިންގްސްގައި ރާއްޖެއިން މޮޅު ކުޅެއް ދެއްކިއިރު އޮމާންއަށް 40 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 155 ލަނޑެވެ.

ޖަވާބުގައި ކުޅެން އަރައި ރާއްޖެއިން ވަނީ، ފުރަތަމަ ކޮޅުގައި މޮޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް ކައިރި ކައިރީގައި އޮމާންއިން ނެގި ވިކެޓުތަކާއިއެކު 34 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ރާއްޖެއަށް ހެދުނީ އެންމެ 107ލަނޑެވެ.

މެޗައްފަހު ވާހަކަ ދައްކަމުން ރާއްޖޭގެ 19 އަހަރުން ދަށުގެ ހެޑްކޯޗް ނިލަންތަ ކޫރޭ ބުނީ، މެޗުން ބަލިވީ ކުޅުންތެރިންނަށް ހެދުނު ގޯސްތަކެއްގެ ސަބަބުން ކަމަށާއި، ނަމަވެސް މެޗުގެ ފުރަތަމަ ކޮޅުގައި ރާއްޖެއިން ވަރަށް ރަނގަޅަށް ކުޅުނު ކަމަށެވެ.

ނިލަންތަ ކޯޗް ބުނީ، ރާއްޖެއަށް ދިމާވި މައްސަލައަކީ މާ އަވަސް އަވަހަށް ވިކެޓުތަށް ނަގަން ފެށުމުން މެންޓަލީ ޓީމަށް އަސަރު ކުރުން ކަމަށާއި، ނަމަވެސް ކުރިން މެޗާއި އަޅާބަލާއިރު ހެދުނު ގޯސްތަށް މަދުކަން ކޯޗް ފާހަގަކުރިއެވެ.

"ފުރަތަމައިނުން ވަރަށް ރަނގަޅަށް ކުޅުނު، އަނެއްކައި 40 އޯވަރުގެ ތެރޭގައި އޮމާންގެ ހުރިހާ ކުޅުންތެރިން ނުބައިވެސް ކޮށްލެވުނު. އެހްންވީމަ އަސްލު އަޅުގަނޑުމެންނަށް ވަރަށް ހަމަޖެހިލައިގެން ކުޅެ ކާމިޔާބުކުރެވެން އޮތް މެޗެއްމީ، " ނިލަންތަ ކޫރޭ ބުންޏެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއިން ވާދަކުރާނީ 30ވަނަ ދުވަހު ގަތަރާއި ދެކޮޅަށެވެ.