ޚަބަރު

މިއަދުވެސް ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ


ހުޅުމާލޭގައި ދުއްވާފައި ދިޔަ ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި ސައިކަލުގެ ފަހަތުގައި އިންއަންހެން މީހަކަށް އަނިޔާ ވެއްޖެއެވެ.

މިއެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 6:45 ހާއިރު ހުޅުމާލެ ހުވަނދު މާރުކޭޓު ގޯޅިން ނިކުތް ކާރެއް ބޮޑުމަގުން ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހިގެންނެވެ.
ފުލުހުން ވިދާޅުވީ އެކްސިޑެންޓާއި ގުޅިގެން ސައިކަލްގެ ފަހަތުގައި އިން އަންހެންމީހާ އަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށެވެ. އަދި އޭނާގެ ވާތުފައިގެ ކުޑަހުޅުމަތިން ދެތަނެއް ކަފައިގެން ގޮސްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މިއަދު ހެނދުނު މި އެކްސިޑެންޓް ހިނގާފައިވާއިރު، އިއްޔެވެސް ހުޅުމާލޭގައި ދެ އެކްސިޑެންޓް ހިނގާފައިވެއެވެ. އޭގެތެރެއިން އެއް އެކްސިޑެންޓްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގެންގޮސް ގަހެއްގައި ޖެހި ދުއްވަން އިން މީހާ ވަނީ ހޭނެތިފައެވެ. އަނެއް އެކްސިޑެންޓްގައި ކާރަކާއި ސައިކަލެއްޖެހި ދެމީހަކަށް އަނިޔާވެގެން ފަރުވާދީފައިވެއެވެ.

ސިނަމާލެ ބްރިޖް އާންމު ދަތުރުފަތުރަށް ހުޅުވާލުމާއެކު ހުޅުމާލޭގައި ކޮންމެ ވެސް ވަރަކަށް އެކްސިޑެންޓްތައް އިތުރުވިނަމަވެސް ފަހަކަށް އައިސް އެކްސިޑެންޓައް ހިނގާ އަދަދު ވަނީ މަދުވެފައެވެ.