ޚަބަރު

ތިން މަސްދުވަހުގެތެރޭގައި މަސްވެރިންގެ ޕާކުގެ މަސައްކަތް ނިންމަނީ


ކުރިއަށް އޮތް 3 މަހެއްހައި ދުވަހުގެތެރޭގައި މަސްވެރިންގެ ޕާރކްގެ މަސައްކަތްތައް މުޅިން ނިންމާލައި އެތަނުން ޚިދުމަތް ލިބޭވަރުވާނެކަމަށް ސިޓީކައުންސިލުން ހާމަކުރައްވައިފިއެވެ.

މަސްވެރިންގެ ޕާރކް ތަރައްޤީކުރުމަށްޓަކައި މިހާރުވަނީ އެސަރަޙައްދުގައި ހުރި އުޅަނދުތައްނަގައި ފެންސް ޖަހައި ބަންދުކޮށްފައެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވީ މަސްވެރިންގެ ޕާރކް ތަރައްޤީ ކުރުމަށް ނިންމާފައިވަނީ އެތަނުގައި މާބޮޑެތި ޢިމާރާތްތައް އެޅުމަށް ނޫންކަމަށެވެ. އެހެންކަމުން އެތަން ތަރައްޤީކުރުމަށް ޚަރަދެއް ވެގެންނުދާނެކަމަށާއި އެތަނަށް ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ސީއެސްއާރުގެ ދަށުން އެކި ކުންފުނިތަކުން މުދާ ފޯރުކޮށްދޭގޮތަށެވެ.

ޝަމާއު ވިދާޅުވީ މިހާރު ކުރިއަށްދަނީ އެތަނަށް ބޭނުންވާ ސާމާނު ހޯދުމުގެ މަސައްކަތްކަމަށާއި ރަމަޟާން މަހުގެކުރިން އެތަނުގެ މަސައްކަތްތައް ފެށިގެންދާނެކަމަށެވެ. އަދި ތިން މަސް ދުވަހުގެ ތެރޭ އެތަން އެއްކޮށް ތަރައްޤީކޮށް ޚިދުމަތް ފޯރުކޯށްދޭނެކަމަށް ޝަމާއު ވިދާޅުވިއެވެ.

"ކުރިއަށްއޮތްތަނުގައި މަސްވެރިންގެ ޕާރކް ވެގެންދާނީ ޓުއަރިސްޓުންނަށްވެސް ވަރަށް ހިތްފަސޭހަ ތަނަކަށް.މީގެ ކުރިއެކޭ އެއްގޮތަށް މަސްވެރިންނަށް ތިބެވޭނެ ޖާގަ ހުންނާނެ. އެތަނުގައި ކުރުމަށް އޮތީ ވަރަށް ކުޑަ މަސައްކަތެއް." ޝަމާއު ވިދާޅުވިއެވެ.

މާލެއަންނަ ފަތުރުވެރިންނަށް ފަސޭހަވާނެހެން ޚާއްސަ އިންތިޒާމުތަކާއެކު މަސްވެރިންގެ ޕާރކު ތަރައްޤީކުރުމަށް ނިންމާފައިވާއިރު އެތަނުގެ ޕްލޭންގައި އެ ސަރަޙައްދުގައި ހުރި ގާޑިޔާތައް ހިމަނާފައި ނުވާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަދި އެސަރަހައްދުގައި ހުރި ގާޑިޔާތައް އެހެންތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރާނެކަމަށް ކައުންސިލުން ވިދާޅުވެއެވެ.

މަސްވެރިންގެ ޕާރކް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ޢާންމު ފާހާނާތަކަކާއި، މާލެ އަންނަ ބޭރުގެ ބޮޑެތި ކްރޫޒް ލައިނާތަކަށް ބޭނުންވާ ޚިދުމަތްތައް ދެވޭނެފަދަ ޓަރމިނަލަކާއެކުއެވެ. އެއާއެކު ކްރޫޒްލައިންތަކުން ފަތުރުވެރިން މާލެއަށް ފައިބާނެ ޚާއްސަ ސަރަޙައްދުގެ ގޮތުގައި މިސަރަހައްދު ހަމަޖެއްސުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

އެގޮތުން މާލެ އަންނަ ފަތުރުވެރިންނަށް މަޢުލޫމާތު ދޭނެ އިންފޮމޭޝަން ޑެސްކްތަކާއި ފަތުރުވެރިން އަންނައިރު މިސަރަޙައްދުގައި ސެކިއުރިޓީވެސް ހަމަޖެހިފައި އޮންނާނެ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މިތަން ތަރައްޤީކޮށް ނިމޭއިރު ޕާރކެއްގެ އިތުރުން، ޕާރކިންގ ޒޯންއެއްވެސް ޤާއިމް ކުރެވިފައިވާނެކަމަށް މާލޭ ސިޓީކައުންސިލުން ވިދާޅުވެއެވެ. މަސްވެރިންގެ ޕާރކް ތަރައްޤީކުރުމަށް ހަވާލުކޮށްފައިވާ އެމް.ޓީ.ސީ.ސީއާއެވެ.