ޚަބަރު

އެމް.ޕީ.އެލް ލަދުގަންނަވާލާ ކްލަބް މޯލްޑިވްސް ކަޕްގެ ސެމީ ފައިނަލުން ބީ.އެމް.އެލް ޖާގަ ހޯދައިފި


އެމް.ޕީ.އެލް ލަދުގަންނަވާލާ ކްލަބް މޯލްޑިވްސް ކަޕްގެ ސެމީ ފައިނަލުން ޔުނައިޓެޑް ބީ.އެމް.އެލް ޖާގަ ހޯދާފައިއެވެ.
ކްލަބް މޯލްޑިވްސް ކަޕްގެ ސެމީ ފައިނަލަށް ބޭންކް އޮފް މޯލްޑިވްސް ދަތުރު ކުރީ ރޭ ކުޅުނު މުބާރާތުގެ ކުއާޓަރ ފައިނަލްގެ މެޗުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ފަހެއް އެކަކުން ބަލިކޮށްގެންނެވެ. މިމެޗުގައި ބޭންކުން ވަނީ ފުރަތަމަ ހާފުގައި ތިން ލަނޑު ޖަހާ މެޗުގެ ކޮންޓްރޯލް ނަގާފައިއެވެ. މެޗުގެ ފުރަތަމަ ލަނޑު ބޭންކަށް ކާމިޔާބުކޮށްދިނީ ފޯވާޑް އަލީ ހާފިޒްއެވެ. ދެވަނަ ލަނޑަކީ އެމް.ޕީ.އެލް ފަސް ފައުލަށްވުރެ އިތުރަށް ފައުލް ކުރުމާއި ގުޅިގެން ލިބުނު ދުރު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ނާޝިދް(ނާއްޓޭ)އެވެ. ފުރަތަމަ ހާފް ނިމެން ސިކުންތުކޮޅަކަށް ވެފައިވަނިކޮށް ބީ.އެމް.އެލް ލީޑް ފުޅާކުރީ އެމް.ޕީ.އެލްގެ ޕެނަލްޓީ އޭރިއާތެރެއިން އެޓީމްގެ ކެޕްޓަން އައްޒާމް އަތުގައި ބޯޅައިން ޖެހުމުން ލިބުނު ޕެނަލްޓީ އަކުންނެވެ. މި ޕެނަލްޓީވެސް ކާމިޔާބުކޮށްދިނީ ނާޝިދުއެވެ.
2ވަނަ ހާފުގައި އެމް.ޕީ.އެލްއިން ފެނުނީ ބޮޑަށް ކުރިއަށް އަރައިގެން ގޯލެއް ޖަހަން މަސައްކަތް ކުރި މަންޒަރުއެވެ. ނަތީޖާއެއްގެ ގޮތުގައި އެޓީމުން ވަނީ ބޭންކުގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައި. އެހެންނަމަވެސް މިހުރިހާ ހަމަލާއެއް ހުއްޓުވީ ބޭންކްގެ ކެޕްޓަން އަދި ގޯލްކީޕަރު މުހައްމަދު ޝަފީއުއެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމްވެސް ލިބުނީ ޝަފީއުއަށެވެ.
2ވަނަ ހާފްގައި ބޭންކްގެ ހަތަރު ވަނަ ލަނޑާއި ފަސްވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު އިބްރާހިމް ސިނާޙް އަދި ފޯވާޑް އަލީ ހާފިޒްއެވެ.
މެޗުގައި އެމް.ޕީ.އެލް އިން ޖެހި ހަމައެކަނި ލަނޑަކީ މެޗު ނިމެން ކުޑައިރުކޮޅަކަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. މިލަނޑު ޖަހައިދިނީ ހުޝާމް އިބްރާހިމްއެވެ.
މެޗަށްފަހު ބީ.އެމް.އެލްގެ ކޯޗު އިސްމާއިލް އަނިލް ބުނީ މިހާތަނަށް މުބާރާތުގައި ޓީމު ކުޅެފައިވަނީ ތަންކޮޅަށް ފަސޭހަ މެޗުތަކެއް ކަމަށާއި އެމް.ޕީ.އެލް ފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް ވަރަށް މޮޅަށް ޓީމް ކުޅުނު ކަމަށެވެ. އަދި މެޗަށް ކުޅުންތެރިން އެރުވީ ވަރަށް ތައްޔާރުވެގެން ކަމަށާއި މެޗުގެ ސްކޯލައިން ކިތައްމެ ތަފާތުނަމަވެސް މިއީ އުނދަގުލުން ހޯދި މޮޅެއް ކަމަށްވެސް އަނިލް ފާހަގަކުރިއެވެ.