އޭސީސީ ވެސްޓާން ރީޖަން ނަވާރަ އަހަރުން ދަށުގެ ކްރިކެޓް މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ތިންމެޗުންވެސް ބަލިވެ ރާއްޖެ މުބާރާތުން ކަޓައިފިއެވެ.
ރާއްޖެ މުބާރާތުން ކެޓީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޤަތަރާއި ވާދަކޮށް 28 ލަނޑުގެ ތަފާތުން ބަލިވެގެންނެވެ.
މިމެޗުގެ ޓޮސް ދިމާވެގެން ރާއްޖެއިން ނިންމީ އުކަށެވެ. އެގޮތުން ޤަތަރުން ވަނީ ފުރަތަމަ އިނިންގްސްގައި 50 އޯވަރުގެ ތެރޭގައި 8 ކުޅުންތެރިން ނުބައިވެގެން 239 ލަނޑު ހަދާފައިއެވެ. ޤަތަރުން އެންމެ ރަނގަޅަށް ކުޅުނީ 90 ލަނޑުހެދި ސައީދް ޔޫސުފް ތަމީމްއެވެ. ރާއްޖެއިން އެންމެ ރަނގަޅަށް އުކީ 3 ވިކެޓް ނެގި މުޙައްމަދު ރަޔާން ތޮލާލްއެވެ.
ޖަވާބުގައި ކުޅެން އަރާ ރާއްޖެއަށް 48 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 211 ލަނޑުއެވެ. ރާއްޖެއިން އެންމެ ރަނގަޅަށް ކުޅުނީ، މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޔޫސުފް އަޒިޔާން ފަރްހަތުއެވެ. އޭނާވަނީ 131 ލަނޑު ހަދާފައިއެވެ. ޤަތަރުން އެންމެ ރަނގަޅަށް އުކީ 5 ވިކެޓުނެގި އަސްރަފުﷲ އުބައިދުﷲއެވެ.
މެޗައްފަހު ވާހަކަ ދައްކަމުން ރާއްޖޭގެ ޒުވާން ގައުމީ ކްރިކެޓް ޓީމުގެ އެސިސްޓަންޓް ކޯޗް އިސްމާއިލް ނިހާދު ބުނީ، ރާއްޖެއިން މެޗުގައި ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި، ކުޅުންތެރިން ދެއްކި ހިތްވަރަށް ސާބަސް ދޭކަމަށެވެ. ނަމަވެސް ތިން މެޗުން ބަލިވެގެން މުބާރާތުން ކަޓަން ޖެހުނީ، ކުޅުންތެރިންނަށް ވާދަވެރި މެޗުތަކެއްގެ ތަޖުރިބާ ލިބިފައި ނެތުމުން ކަމަށްވެސް އިންމަ ބުނެފިއެވެ.
"އަޅުގަނޑުމެންގެ ކުޅުންތެރިން މިއަދު ވަރަށް ރަނގަޅަށް ކުޅުނު، އެކަމު ވާދަވެރި މެޗުތަކެއް ކުޅެން ލިބިފަ ނެތުމުން މެޗް އެކްސްޕީރިއަންސް ނެތުމުން މިގޮތަށް މި ދިމާވީ، އެކަމު މިއަދުގެ މެޗުގެ އެކުދިން ދިން އެފޯޓަށް ހަމަ ސާބަސް ދެން، ވަރަށް ހިތްވަރު ކުރި،" އިންމަ ބުންޏެވެ.
ރާއްޖެއިން މުބާރާތުގައި ވާދަކުރި ފުރަތަމަ މެޗުން ބަލިވީ ކުވައިތު އަތުން. ދެވަނަ މެޗުގައި ބަލިވީ އޮމާން އާއި ވާދަކޮށްގެނެވެ.