ޚަބަރު

ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު މިމަހުގެ 4 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފި


ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މާރޗްމަހު ހުޅުވާލި ސްޓޫޑެންޓް ލޯން ސްކީމަށް އެދުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ހަޔަރަ އެޑިއުކޭޝަން މިނިސްޓްރީން ވަނީ މި ލޯނަށް އެދުމުގެ މުއްދަތު މިމަހުގެ 4 ވަނަ ދުވަހާ ހަމަޔަށް އިތުރުކޮށްފައެވެ. އެ މިނިސްޓްރީން ވިދާޅުވީ ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި އެންސީއައިޓީގެ ސަރވަރއަށް ދިމާވި މައްސަލައަކާ ގުޅިގެން އޮންލައިން ޕޯޓަލް މެދުވެރިކޮށް އެޕްލައި ކުރުމުގައި ދަތިތަކެއް ދިމާވެގެން ކަމަށެވެ. އެ މައްސަލަ ހައްލުކުރުމަށް 24 ގަޑިއިރު ހޭދަވިކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މާރޗްމަހުގެ ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުޞަތު މިމަހުގެ ހަތަރެއްވާ ހޮނިހިރު ދުވަހުގެ 13:30 އާ ހަމަޔަށް ހުޅުވާލާފައިވާކަމަށެވެ.

މާރޗް މަހު ހުޅުވާލި ސްޓޫޑެންޓް ލޯނަށް މިޙާތަނަށް 400 އަށް ވުރެ ގިނަ ފޯމް ހުށައަޅާފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މާރޗްމަހުގެ ލޯން ސްކީމްގެ ދަށުން 242 ދަރިވަރަކަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އަލަށް ކިޔަވަންފަށާ 158 ދަރިވަރުންނަށާއި، މިހާރު ކިޔަވަމުންގެންދާ 84 ދަރިވަރަކަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މިއަހަރުގެ ލޯނު ސްކީމަށް ޖުމްލަ 54 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ.