ޚަބަރު

އިސްލާޙީ ޕްލޭނާއެކު ދައުލަތް ފަޚުރުވެރިވާފަދަ ޝަރުޢީ ނިޒާމެއް ޤާއިމުކުރެވޭނެ - އުއްތަމަ ފަނޑިޔާރު


ޝަރުޢީ ދާއިރާގެ މަގުޗާޓުގައިވާ "ޖުޑީޝަލް ރިފޯމް އެކްޝަން ޕްލޭން"ގެ ކަންކަން ތަންފީޒުކުރެވިއްޖެނަމަ އިޤްތިސާދީ އަދި އިޖްތިމާޢީ ޢަދާލަތު ޤާއިމްކުރުމުގައި ދައުލަތް ފަޚުރުވެރިވާފަދަ ނިޒާމެއް ޤާއިމުކުރެވޭނެކަމަށް އުއްތަމަ ފަނޑިޔާރު، ޑރ.އަޙްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކޮށް، އިސްލާޙްކުރުމުގެ މަގުޗާޓު އިފްތިތާޙުކޮށްދެއްވީ އިސްލާމީ މަރުކަރުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޚައްސަ ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު، ޑރ.އަޙްމަދު އަބްދުﷲ ދީދީއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމާއި ދައުލަތުގެ ބަނޑާރަ ނާއިބު އަލްއުސްތާޛު އިބްރާހީމް ރިފްޢަތާއި ވަޒީރުންނާއި ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރުން ބައިވެރިވބެވަޑައިގެންނެވި މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު އަބްދުﷲ ދީދީ ވިދާޅުވީ ދިވެހިރާއްޖޭގެ ޢަދުލުއިންސާފު ޤާއިމްކުރުމުގެ އެންމެމަތީ ފަރާތުގެ ޙައިސިއްޔަތުން ސުޕްރީމް ކޯޓުން އިސްނަގައިގެން ތައްޔާރުކުރާ ފަސް އަހަރުގެ މިޕްލޭނަކީ، ރާއްޖޭގެ ޝަރުޢީ ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުމަށް އަމާޒުކޮށްގެން އެކުލަވާލި ޕްލޭނެއްކަމަށެވެ.

މިއީ ފަނޑިޔާރުގޭގެ ކަންކަން ހަރުދަނާކޮށް އިސްލާހުކުރުމުގެ އިތުރުން، ޤާނޫނު އަސާސީއާ އެއްގޮތްވާގޮތުގެ މަތީން ޤާނޫނުގެ ޙުކޫމަތު ނަގަހައްޓައި، ވަކިފަރާތަކަށް ނުޖެހި އަދުލު އިންސާފު ޤާއިމްކުރުމައްޓަކައި ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކުރުމާއި ބެހޭގޮތުން ޝަރުޢީ ދާއިރާގެ ތާރީޚުގައިވެސް ތައްޔާރުކުރެވޭ ފުރަތަމަ ޕްލޭންކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

މައިގަނޑު 20 ކަމެއްގެ މައްޗަށް އެކުލަވާލާފައިވާ މިމަޤުޗާޓަކީ ޒަމާނީ ފަނޑިޔާރުގެއެއް ޤާއިމްކުރުމައްޓަކައި ސަމާލުކަންދޭންޖެހޭ ހުރިހާކަމެއް ހިމެނޭގޮތަށް ޝާމިލުގޮތެއްގައި އެކުލަވާލާފައިވާ ޕްލޭނެއްކަމުގެ ޔަގީންކަން އުއްތަމަ ފަނޑިޔާރު ދެއްވިއެވެ. އަދި މިޕްލޭން ތަންފީޒުކުރެއްވިއްޖެނަމަ އޭގެ ހެޔޮނަތީޖާ ފެންނާނެކަމަށާއި، މީގެ ސަބަބުން ފަނޑިޔާރުގޭގެ ޢިލްމީ އަދި ފަންނީ ޤާބިލުކަން އިތުރުވެގެންދާނެކަން އުއްތަމަ ފަނޑިޔާރު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މި ޕްލޭންގެ ދަށުން ޢަދުލު އިންސާފަށް ފަސޭހައިން ވާސިލުވުން ކަށަވަރުކުރެވިގެންދާއިރު، ފަނޑިޔާރުގެގެ މައްސޫލިއްޔަތުތަކާއެކު، ދައުލަތުގެ ހައިބަތާއި، ކަރާމާތާއި ޤަދަރާއި މިނިވަންކަމާއި، މުސްތަގިއްލުކަންވެސް ކަށަވަރުވެ، އިޤްތިސާދީ އަދި އިޖްތިމާޢީ ޢަދާލަތު ޤާއިމްކުރުން ފަދަ އެންމެހައި ދާއިރާތަކުގައި ދިވެހި ދައުލަތް ފަޚުރުވެރިވާފަދަ އަދުލު އިންސާފުގެ ނިޒާމެއް ޤާއިމުވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް އެލަނޑިދަނޑިތަކަށް ވާސިލުވުމަށް ދައުލަތުގެ އިދާރާތަކުގެ އެއްބާރުލުން ފަނޑިޔާރުގެއަށް ބޭނުންވާކަން އުއްތަމަ ފަނޑިޔާރު ވަނީ ފާހަގަކުރައްވާފައެވެ.

" އަޅުގަނޑުގެ އިލްތިމާސްކުރަނީ ކަމާގުޅޭ އެންމެހާފަރާތަކުންވެސް މިކަމުގައި އަޅުގަނޑުމެންނާއެކު، ޤައުމާއި ރައްޔިތުންނާއި، ދިވެހި އުންމަތުގެ ޙާއްޤުގައި މަސައްކަތް ކުރެއްވުން" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ އައު ޤަނޫނުއަސާސީއާއެކު ދައުލަތުގެ ތިން ބާރުވަކިވެ މިނިވަން ފަނޑިޔާރުގެއެއް ޤާއިމްކުރެވި މިވީ ދިހަ ވަރަކަށް އަހަރުދުވަހުގެ ތެރޭގައި ގިނަ ކަންތައްތަކެއް ތަޖުރިބާކުރެވިފައިވާކަމަށާއި، ކުރިއެރުންތަކެއްވެސް ހާސިލުކުރެވިފައިވާކަމަށެވެ. އަދި ފަނޑިޔާރުގޭގެ މިނިވަންކަމަށް ބުރޫއަރާފަދަ ދުވަސްތަކެއް ފެނިފައިވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެތަޖުރިބާގެ އަލީގައި ކުރަން ފަށާފައިމިވަނީ މުހިއްމު މަސައްކަތްތަކެއްކަމަށެވެ.

މިކަމުގެ މައިގަނޑު މަޤްސަދަކީ ރައްޔިތުންނަށް ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ޢަދުލުވެރި ފަނޑިޔާރުގެއްގެ ހިޔާވަހިކަމާއި ހިންހަމަޖެހުން ރައްޔިތުންނަށް ކަށަވަރުކޮށްދިނުންކަމަށް ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެންގެ މައްޗަށް އޮތް އެންމެ މުހިއްމު އެއް ދުސްތޫރީ ޒިންމާއަކީ، ދިވެހި އުންމަތާއި ދިވެހި ރައްޔިތުން އެދޭފަދައިން ރާއްޖޭގެ ޤާނޫނު އަސާސީގައި ރައްޔިތުން އެކަށައަޅައި ބަޔާންކުރިފަދައިން، ފަނޑިޔާރުގެ މިނިވަންވެފައިވާކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުން. އޭރަކު ބާރު އޮންނަ ފަރާތްތަކުން އެދޭ ގޮތްގޮތަށް ފަނޑިޔާރުގެ ބަދަލުކޮށް ފަނޑިޔާރުގޭގެ ކަންކަމަށް ނުފޫޒުފޯރުވާ ނުހޭގޭނެކަން ކަށަވަރުކޮށްދިނުން." އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކޮށް އިސްލާޙްކުރުމުގެ މަގުޗާޓު އިފްތިތާޙުކުރުމާއެކު ދެން އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާނީ ޕްލޭން ތަންފީޒުކުރެއްވުމުގެ މަސައްކަތްކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.