ޚަބަރު

މުޙައްމަދު ޖަމީލް މިސްކިތް ހުޅުވައިފި


އަމިއްލަ ފަރާތަކުން އަލުން އިމާރާތްކުރި މުޙައްމަދު ޖަމީލް މިސްކިތް (ފައިފުހޭ މިސްކިތް ) ހުޅުވައިފިއެވެ.

މި މިސްކިތް ހުޅުވާދެއްވައިފައިވަނީ މިއަދު އަޞުރުނަމާދަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރެވެ. މިސްކިތް ހުޅުވާދެއްވާ އިސްލާމިކް މިނިސްޓަރ ވަނީ އިމާމްވެ އަޞްރު ނަމާދު ކުރައްވާފައެވެ. އަދި އެއަށްފަހު މިސްކިތް ވަނީ ބައްލަވާލައްވާފައެވެ. މި މިސްކިތަކީ މާފަންނު ލައިނޫފަރު މަގުގައި ހުރި އިހުގެ ކުޑަމިސްކިތެކެވެ.

މި މިސްކިތުގެ ނަން ސަރުކާރުން ފަހުން ވަނީ ދިވެހިން ދުށް އެންމެ ކުޅަދާނެ އެއް އަދީބު އަދި ދީނީ އިލުމުވެރިޔާގެ ނަންފުޅަށް ނިސްބަތްވާގޮތަށް މިސްޖިދުއް ޝައިޚް މުޙައްމަދު ޖަމީލު ދީދީގެ ނަމަށް ބަދަލުކޮށްފައެވެ. ޖާގައިގެ ގޮތުން ކުޑަ މި މިސްކިތް ހުރި ތަނުގައި ހަތަރު ބުރިއަށް އަލުން މިސްކިތް އިމާރާތް ކުރެއްވީ އަމިއްލަ ފަރާތަކުންނެވެ.

މި މިސްކިތް އަލުން އިމާރާތްކުރަން ފަށާފައިވަނީ 2017 ވަނަ އަހަރުގައެވެ. މިހާރު މި މިސްކިތަކީ އެއްފަހަރާ 1300 މީހުންނަށް ނަމާދުކުރެވޭ މިސްކިތެކެވެ. މި މިސްކިތުގައި ނަމާދުކުރެވޭނެ ޖާގައިގެ އިތުރުން ދީނީ ނަސޭ ދިނުމާއި ޤުރުއާން ކިޔަވައިދިނުން ފަދަ ކަންކަން ކުރިއަށް ގެންދިޔުމަށް ވަނީ މަލްޓީ ޕާރޕަސް ހޯލެއްވެސް ހިމަނާފައެވެ.

މި މިސްކިތް މިހާރު އެބޭފުޅަކަށް ނިސްބަތްކުރާ ފަޟީލަތުއް ޝައިޚް މުޙައްމަދު ޖަމީލު ދީދީ އަކީ ރާއްޖޭގެ އުސްތާޛުލްޖީލްގެ ގޮތުގައި މަޝްހޫރުވެ ވަޑައިގެންފައިވާ ދީނީ ޢިލްމުވެރިއެކެވެ. އެމަނިކުފާނުވަނީ ދިވެހި ބަހާއި ދީނީކަންކަމުގައި އަގުނުކުރެވޭ ވަރުގެ ހިދުމަތްތަކެއް ދިވެހިނަށް ކޮށްދެއްވާފައެވެ. ދިވެހު ދައުލަތަށް 45 އަަހަރަށްވުރެ ގިނަ ދުވަސް ވަންދެން ހިދުމަތްކުރެއްވި މުހައްމަދު ޖަމީލު އަވަހާރަވީ 1989 ވަނަ އަހަރުގެ މާޗުމަހުގެ 15 ވަނަދުވަހުއެވެ.