ޚަބަރު

ދެވަނަ ކިޑްސް ފުޓްބޯލް ފިއެސްޓާ ކާމިޔާބުކަމާއިއެކު ނިންމާލައިފި


މޯލްޑިވްސް ސޮކާ ވެޓަރެންސް އިން އިންތިޒާމްކޮށްގެން ބޭއްވި މިއަހަރުގެ ދެވަނަ ކިޑްސް ފުޓްބޯލް ފިއެސްޓާ ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ.

މާލޭގެ ސްކޫލް ތަކުގެ ގްރޭޑް ހަތަރެއް އަދި ފަހެއްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވި ޑެވޮންޑޭލް ކިޑްސް ފުޓްބޯލް ފިއެސްޓާގެ ގްރޭޑް ހަތަރެއްގެ ޗެމްޕިއަންކަން ހޯދީ މަޖީދިއްޔާ ސްކޫލުންނެވެ.

މަޖީދިއްޔާ ސްކޫލުން މިބައިގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ޣާޒީ ސްކޫލާއި ވާދަކޮށް 2-0 ނަތީޖާއަކުން ކުރިހޯދައިގެންނެވެ.
ގްރޭޑް ފަހެއްގެ ޗެމްޕިއަންކަން ހޯދީ އިސްކަންދަރު ސްކޫލް. އިސްކަންދަރު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި މަޖީދިއްޔާ ސްކޫލާއި ވާދަކޮށް 1-0 އިން މެޗް ކާމިޔާބުކޮށްގެންނެވެ.

މި ފިއެސްޓާ ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ރާއްޖޭގެ ރަޢީސުލް ޖުމްހޫރިއްޔާގެ ނާޢިބު ފައިސަލް ނަސީމް، އަދި އެޑިއުކޭޝަން މިނިސްޓާރ ޑރ. ޢާއިޝަތު ޢަލީއެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ސޮކާ ވެޓަރެންސްގެ ޗެއާމަން ޢަލީ ޝަމީމް ވިދާޅުވީ، މިފަހަރުގެ ފިއެސްޓާ ބޭއްވުމުގައި ވަރަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިވި ކަމަށާއި، ނަމަވެސް ފިއެސްޓާ ބާއްވަން އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ދިޔަ ކަމަށެވެ. އަދި ފިއެސްޓާގެ ތެރޭގައި ސްކޫލް ތަކާއި ބެލެނިވެރިންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޢަލީ ޝަމީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

"އެހެން ފަހަރުތަކާއި ޚިލާފަށް މި ފިއެސްޓާ ބޭއްވުމުގައި އަޅުގަނޑުމެންނަށް ވަރަށް ބޮޑު ދަތިތަކަކާއި ކުރިމަތިލާން ޖެހުނު، އެކަމު އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް އަޅުގަނޑުމެންނަށް ލިބުނު، އެކަމައްޓަކައި އެޑިއުކޭޝަން މިނިސްޓްރީއަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން، އަދި ސްކޫލުތަކާއި ބެލެނިވެރިން ފިއެސްޓާގެ ތެރޭގައި ދެއްވާ އެއްބާރުލުން އަޅުގަނޑު ވަކިން ޚާއްސަކޮށް ފާހަގަ ކުރަން"، ޢަލީ ޝަމީމް ވިދާޅުވިއެވެ.

މިއަހަރުގެ ދެވަނަ ފިއެސްޓާގައި މާލޭގެ ނަވާރަ ސްކޫލަކުން ތިރީސް ހަޓީމް ބައިވެރިވިއިރު، ޖުމްލަ 648 ކުދިން ވަނީ ފިއެސްޓާގައި ކުޅެފައެވެ.