މަޖީދީމަގުގެ ހުޅަނގުން އިރަށް ބައެއް ގަޑިތަކުގައި 4 ފުރޮޅުލީ އުޅަނދުތަކަށް ހަމައެކަނި އެއްކޮޅަށް ދުއްވޭގޮތަށް ބަދަލުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މިގޮތަށް ނިންމާފައިވަނީ މުދާ އުފުލާ ގަޑިތަކާއި ސްކޫލްތައް ނިމޭ ގަޑިއާ ދިމާވާތީ މަޖީދީމަގުގެ ޓްރެފިކް ބާރުބޮޑުވާތީކަަމަށެވެ. އެގޮތުން މާދާމާއިން ފެށިގެން ރަސްމީ ދުވަސްތަކުގައި ހެނދުނު 8:00 އިން 14:00 އަށް 4 ފުރޮޅުލީ އުޅަނދުތަކަށް ހަމަ އެކަނި ދުއްވޭނީ މަޖީދީމަގުގެ ހުޅަނގުން އިރަށް އެކަނި ކަމަށެވެ.
ފުލުހުން މީގެ ކުރިންވެސް ވަނީ ރޯދަ މަހު މަގުތަކުގައި ޓްރެފިކް ބޮޑުވެ ވެހިކަލްތަކަށާއި ހިނގާބިގާވެ އުޅޭ މީހުންނަށް ދަތިވާ ސަރަޙައްދުތަކުގެ ޓްރެފިކް ބަދަލުތަކެއް ގެންނާނެކަން ހާމަކުރައްވާފައެވެ.
އެގޮތުން ކޮންމެ ދުވަހެއްގެ ހަވީރު ކަނބާ އައިސާ ރަނިހިނގުމުން ފެށިގެން ހިލާލީ މަގަށް ނުވަތަ، އައިޖީއެމް ހޮސްޕިޓަލުން ފެށިގެން ބިސްބުރާ ހަމައަށް އެއްކޮޅަށް ދުއްވާގޮތަށް ބަދަލު ކުރުމަށް ޓްރެފިކް ފުލުހުން ވަނީ ނިންމާފައެވެ. އަދި މާބޮޑަށް މިމަގުގެ ބާރުބޮޑުވާނަމަ މުރަނގަ މަގަށް 4 ފުރޮޅުލީ އުޅަނދުތައް ވަނުން މަނާކުރާނެކަމަށްވެސް ޓްރެފިކް ފުލުހުން ވިދާޅުވެއެވެ.
މީގެ އިތުރުން ހެންވޭރު ސޯސަންމަގު ސިޓީ ބޭކަރީ ހުންނަ ސަރަހައްދުގައި މާބޮޑަށް ޓްރެފިކް ތޮއްޖެހި ވެހިކަލް ދުއްވަން ދަތިވާވަރުވެއްޖެނަމަ މަޖީދީ މަގުން ފެށިގެން ސިޓީ ބޭކަރީއާއި ދިމާލަށް 4 ފުރޮޅުލީ އުޅަނދަށް ނުވަދެވޭގޮތް އެމަގުގެ ޓްރެފިކަށް އެ ވަގުތުތަކުގައި ބަދަލުގެންނާނެ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
މި ރަމަޟާން މަހު މާލޭގެ ޓްރެފިކަށް އެންމެ ބޮޑު ބަދަލެއް ގެނައުމަށް ހަމަޖެހިފައިވަނީ މާލޭ މާރުކޭޓް ސަރަޙައްދަށެވެ. އެގޮތުން މެންދުރު 12.30 އިން ފެށިގެން އިރުއޮއްސި 18.30 އާއި ހަަމައަށް، ނޯތް ހާބަރުން ފެށިގެން އެމްއެމްއާއި ހަމައަށް އާއްމު ދަތުރުތަކަށް 4 ފުރޮޅުލީ އުޅަނދަށް އެސަރަޙައްދަށް ނުވަދެވޭނެއެވެ.
އަދި މިސަރަޙައްދަށް ހަވީރީ ހިނގުމުން އާއްމު ބޭނުންތަކަށް 4 ފުރޮޅުލީ އެއްވެސް އުޅަނދަކަށް ނުވަދެވޭނެއެވެ. ނަމަވެސް މި ވަގުތުތަކުގައި އެސަރަޙައްދަށް މުދާ އުފުލާ އުޅަނދުތަކަށް ވަދެވޭނެކަމަށް ފުލުހުން ވިދާޅުވެއެވެ.