ސިޔާސީ

އެޖެންޑާ 19 ތަންފީޒުކުރުމަށް ފަސް ކޮމިޓީއެއް އުފައްދައި މަސައްކަތް ފަށައިފި


ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އެޖެންޑާ 19ގެ ސިޔާސަތުތަކުގެ ދަށުން މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ބިލްތަކުގެ މަސައްކަތް ކުރުމަށް ކޮމިޓީތަކެއް އެކުލަވާލައިގެން މަސައްކަތް ފަށާފައިވާ ކަމަށް އެމްޑީޕީން ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ވިދާޅުވީ އެޖެންޑާ 19ގެ ސިޔާސަތުގެ ދަށުން މަޖިލީހަށް ހުށަހަޅާ ބިލްތަކުގެ މަސައްކަތްތައް ބެލުމަށް ޖުމްލަ ފަސް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށާއި އޭގެ މައިގަނޑު ބޭނުމަކީ އެޖެންޑާ 19ގެ ބިލްތައް މަޖިލީހަށް ހުށަހެޅުމުގެ ކުރިން ގެންނަންޖެހޭ އިސްލާހް ތަކަކީ ކޮބައިތޯ ބެލުމަށް ކަމަށެވެ.

އެ ކޮމިޓީތަކުން މައިގަނޑު ގޮތެއްގައި ކުރާނީ ބިލްތައް އެކުލަވާލުމުގެ މަސައްކަތް ކަމަށާއި ސަރުކާރާއި ގުޅިގެން އެ މަސައްކަތްތައް ކުރިއަށް ގެންދާނީ އެކަން ކަމާއި ގުޅޭ ތަޖުރިބާކާރުންގެ އިރުޝާދާއި މަޝްވަރާގެ މަތިން ކަމަށް އެމްޑީޕީން ވިދާޅުވެއެވެ.

މީގެއިތުރުން 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައި މެމްބަރުން ހުވައި ކުރެއްވުމުގެ ކުރިން
ކޮމިޓީތައް އެކުލަވާލައި މިހާ އަވަހަށް މަސައްކަތްތައް ފެށީ ރައްޔިތުންގެ މަޖިލިސް ފެށެން ވާއިރަށް އެ މަސައްކަތްތައް އެއްކޮށް ނިންމާލުމަށް ކަމަށް އެމްޑީޕީން ވިދާޅުވެއެވެ.

ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން އެކުލަވާލި އެޖެންޑާ 19ގެ ސިޔާސަތުތަކުގައި މައިގަނޑު ފަސް ސިޔާސަތެއް ހިމެނެއެވެ. އެގޮތުން ޖަޒީރާ ދިރިއުޅުމާއި އޯގާތެރި ސަރުކާރާއި ފަހުރުވެރި އާއިލާ އަދި ނޫ އިގްތިސާދު ހިމެނެއެވެ.

ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ވަނީ ފުރިހަމަ ކާމިޔާބީއެއް ހޯދައި އެ ޕާޓީން އެކަނި 65 ގޮނޑި ކާމިޔާބުކޮށްފައެވެ. މިއީ މިހާތަނަށް ރާއްޖޭގެ ތާރީޚުގައިވެސް އެއް ޕާޓީއަކުން މިހާ ގިނަ ގޮނޑި ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.