ކުޅިވަރު

އެފްސީ އަމާރީ އާ ވާދަކޮށް މަސެއްރާ ޓީމްއިން ފަސޭހަ މޮޅެއް ހޯދައިފި


ތިނަދޫ ކައުންސިލް ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު ދެވަނަ މެޗް އެފްސީ އަމާރީ އާ ވާދަކޮށް މަސެއްރާ ޓީމްއިން ފަސޭހަ މޮޅެއް ހޯދައިފިއެވެ.
މިމެޗް މަސެއްރާ ކާމިޔާބުކުރީ 4 ލަނޑު 1 ލަނޑުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ކުޅުނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ޑިފެންސްއަށް ވިސްނައިގެންނެވެ. މެޗްގެ ދެވަނަ ހާފުގައި މަސެއްރާ ޓީމުގެ އެޓޭކްތައް ވަރުގަދަކޮށް އަމާރީގެ ޓީމްގެ ޑިފެންސް ލައިންއަށް ވަރަށް ބޮޑަށް ޕްރެޝަރު ކުރަމުންދިޔައެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ދެވަނަ ހާފުގައި މަސެއްރާ ޓީމުގެ އިބްރާހިމް އަހުމަދުއެވެ. އޭނާ ވަނީ މި މެޗުގައި ޖުމްލަ ދެ ލަނޑު ޖަހާފައެވެ. މަސެއްރާ ޓީމުގެ އިތުރު ލަނޑުތަށް އެޓީމްއަށް ޖަހައިދިނީ އިބްރާހިމް ފާރިޝް އަހުމަދު އާއި އިބްރާހިމް ޝިއާދުއެވެ. އެފްސީ އަމާރީ ޓީމުން ޖެހި ހަމައެކަނި ގޯލު އެޓީމްއަށް ޖަހައިދިނީ ހުސައިން ވިފާގުއެވެ.

މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އެފްސީ އަމާރީ ޓީމުގެ އެސިސްޓެންޓް ކޯޗު ނިއުޝާދު ރަޝީދު ބުނީ އެންމެ ބޮޑު މައްސަލައަކަށް ދިމާވީ ޓީމުގެ ހުރިހާ ކުޅުންތެރިން އެއްކޮށް ޕްރެކްޓިސް ކުރަން ފުރުސަތު ނުލިބުން ކަމަށެވެ.

"ރިސޯޓެއްގަ މަސައްކަތްކުރާ މީހުން ވީމަ އެންމެން އެއްކޮށް ޕްރެކްޓިސް ކޮށްލަން ނުލިބުން ހުރިހާވެސް މައްސަލައަކީ. ކޮންމެ ދުވަހަކުވެސް ފަސް މީހުން ނުވަތަ ހަ މީހުންނާ އެއްކޮށް ޕްރެކްޓިސް މިޖައްސަނީ. އެއީ އެންމެ ބޮޑު މައްސަލައަކީ، ޓީމު ޓީމެއްގެ ގޮތުގަ މަސައްކަތް ނުކުރެވޭތީ. އިރާދަކުރެއްވިއްޔާ ދެން އަންނަ މެޗެއްގަ ރަނގަޅުވާނެ، ޓީމެއްގެ ގޮތުގަ ފެންނާނެ،" އެފްސީ އަމާރީގެ ކޯޗު ވިދާޅުވިއެވެ.

މެޗުން މޮޅުވި މައްސެރާ ޓީމުގެ ކޯޗު އާޒިމް ހުސައިން ބުނީ މިއީ އެ ޓީމުން ކުޅުނު ފުރަތަމަ މެޗު ކަމަށްވެފައި އެ ޓީމުގެ ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށެވެ. މިމެޗުން ލިބުނު މޮޅާއެކު ކުރިއަށް އޮތް މެޗްތަކަށް ރަނގަޅަށް ތައްޔާރުވާނެ ކަމަށް މައްސެރާ ޓީމުގެ ކޯޗު އާޒިމް ހުސައިން ބުނިއެވެ

"ޓީމުގެ ކުޅުންތެރިންނަކީ އެކި ތަންތަނުން އައިއްސަ ތިބި ކުޅުންތެރިންކަމަށްވެފަ ޓީމް ވޯކް ދަށްވީމަ ފުރަތަމަ ހާފުގަ އެތަން ފާހަގަކުރެވިގެން ދިޔައީ. ފަހުން އެބައި ރަނގަޅުކޮށްލައިގެން ޓީމު ހުރިހާ ކުދިންވެސް ހަމަ ރަނގަޅަށް ކުޅުނީ،" އެންޑީ ވިދާޅުވިއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މައްސެރާ ޓީމުގެ އިބްރާހިމް އަހުމަދުއެވެ. ހުވަދޫ ރެކްރިއޭޝަންސްއިން އިންތިޒާމުކޮށްގެން ގދ. ތިނަދޫގައި ކޮންމެ ރޯދަމަހާ ދިމާކޮށް ބާއްވާ މި މުބާރާތުގެ މެޗްތަށް މިރޭވެސް ކުރިއަށްދާނެއެވެ.