ކުޅިވަރު

އުރީދޫ ދިވެހި ޕްރިމިއަރ ލީގް ރައީސް އިފްތިތާހް ކޮށްދެއްވައިފި


ކުލަގަދަ ހަރަކާތްތަކަކާއެކު "އުރީދޫ ދިވެހި ޕްރިމިއަރ ލީގް 2015" ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ. މުބާރާތް ފަށްޓަވައިދެއްވުމުގައި މިމުބާރާތުގެ މައި ސްޕޮންސަރ އުރީދޫ މޯލްޑިވްސްގެ ސީ.އީ.އޯ ވިކްރަމް ސިންހަ، އާއި، އެފްއޭއެމްގެ އިސްވެރިން އަދި ބައެއް ވަޒީރުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ. ޤައުމީ ފުޓުބޯޅަ ދަނޑުގައި އޮތް މި ރަސްމިއްޔާތުގައި، އެފް.އޭ.އެމް އަށް އެކި ރޮނގު ރޮނގުން ޚިދުމަތްކޮށްދެއްވަމުން ގެންދަވާ 7 ފަރާތަކަށް ހަނދާނީ ފިލާ ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.ހަނދާނީ ފިލާ ލިބުނު ފަރާތްތަކުގެ ތެރޭގައި، މުބާރާތުގެ ސްޕޮންސަރުންނާއި، މުބާރާތް ކުރިއަށް ގެންދިއުމުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ފަރާތްތަކާއި، އަދި މުބާރާތު ގެ މެޗްތައް ރޭޑިއޯއާއި ޓީވީއިން ލައިވްކޮށް ގެނެސް ދިނުމުގައި އެހީތެރިވެދެމުންދާ އެމްބީސީ ވެސް ހިމެއެވެ. ގަޑިއެއްހާއިރަށް ދިގު ދެމިގެންދިޔަ ފެށުމުގެ ރަސްމިއްޔާތުގައި މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް ކުރިއަށް ދިއައެވެ. އެހަރަކާތްތަކުގެ ތެރޭގައި ބައެއް ފަންނާނުންގެ ލަވަޔާއި، ބޮޑުބެރު ހަރަކާތްތަކެއް ކުރިއަށް ގެންދިއައެވެ. އޭގެ އިތުރުން ހަވާއެރުވުން ވެސް އޮތެވެ. މެޗް ބެލުމަށްޓަކާ ހިލޭ ދަނޑަށް މީހުން ވެއްދި ލީގް ހުޅުވި މެޗްގައި ނިއު ރޭޑިއަންޓާއި، ވިކްޓްރީ ވާދަކޮށް 3 – 1 އިން މެޗް ކާމިޔާބު ކުރީ ނިއުރޭޑިއަންޓެވެ.