ދުނިޔޭގެ ބެޑްމިންޓަން އާއި ބެހޭ މައި އިދާރާ ވޯލްޑް ބެޑްމިންޓަން ފެޑެރޭޝަނުން ޕާކުތަކާއި ބީޗްތައް އަދި އެނޫންވެސް އާއްމުކޮށް ހުޅުވާލެވިފައިވާ ތަންތަނުގައި ކުޅޭވޭގޮތަށް ހާއްސަކޮށްގެން ބެޑްމިންޓަންގެ އާ ކުޅިވަރެއް ތައާރަފް ކޮށްފިއެވެ.
އިންޑޯ ހޯލުތަކާއި ވައި ނުޖެހޭ ތަންތަނުގައި ކުޅޭ ކުޅިވަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ބެޑްމިންޓަންގެ މުޅިން އާ ކުޅިވަރެއް ދުނިޔޭގެ ބެޑްމިންޓަން އާއި ބެހޭ މައި އިދާރާއިން ތައާރަފްކޮށްފައި މިވަނީ މި ކުޅިވަރު ކުޅުމުގެ ފުރުސަތު ވީހާވެސް ގިނަ މީހުންނަށް ހޯދައިދުނުމުގެ ބޭނުމުގައެވެ.
އެއާ ބެޑްމިންޓަންގެ ނަންދީފައިވާ މިކުޅިވަރުވެސް ކުޅެނޭ ބެޑްމިންޓަނެކޭ އެއްގޮތަށް އެއްކަހަލަ ރެކެޓެއް ބޭނުންކޮށްގެންނެވެ. އެހެންނަމަވެސް ބެޑްމިންޓަންގައި ބޭނުންކުރާ ބޯޅަ ނުވަތަ ޝަޓްލް ކްލޮކްއަށް ވަނީ ބޮޑު ބަދަލުތަކެއް ގެނެސްފައެވެ.
އެއާ ބެޑްމިންޓަން ކުޅުމަށް ހާއްސަކޮށްފައިވާ ޝަޓްލް ކްލޮކް ހަދާފައިވަނީ އެހާ ފަސޭހައިން ހަލާކުނުވާ އަދި ވައި ޖެހުނަސް ކުޅުމަށް އުނދަގޫ ނުވާގޮތަކަށް ބަލައިގެންނެވެ.
އެއާ ބެޑްމިންޓަން އިފްތިތާޙް ކުރުމަށްފަހު ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން ބީ.ޑަބްލިއު.އެފްގެ ރައީސް ޕޮއުލް އެރިކް ބުނީ މިއީ ބެޑްމިންޓަން ފެޑެރޭޝަނުން ވަރަށް ވިސްނާފައި ތައާރަފްކުރި ކުޅިވަރެއް ކަމަށާއި، އެއާ ބެޑްމިންޓަންގެ ސަބަބުން ބެޑްމިންޓަންގެ ތެރެއަށް އިތުރު މީހުންނަށް ފަސޭހަ ކަމާއެކު ވަދުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.