ސިޔާސީ

ދީބާޖާ މައްސަލާގައި ޙުކުމް ތަންފީޒު ކުރަމުން ދަނީ އުޞޫލާއި އެއްގޮތަށް - ސިވިލް ކޯޓު


ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ސަރުކާރުން ހެދި އެއްބަސްވުން ބާތިލް ކުރުމުން އެ ކުންފުންޏަށް ދަދަލެއްގެ ގޮތުގައި 348 މިލިއަން ރުފިޔާ ދޭން ކުރި ޙުކުމް ތަންފީޛުކުރަމުން ދަނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ ދައްކަމުން ގެންދާ ވާހަކަތައް ސިވިލް ކޯޓުން ދޮގުކޮށްފިއެވެ.

ސިވިލް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދީބާޖާ އިންވެސްޓްމަންޓަށް ބަދަލު ދޭން ދައުލަތުގެ މައްޗަށް ކުރި ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާ ސިވިލް ކޯޓުން ކުރިއަށް ގެންދަނީ ޙުކުމް ތަންފީޒު ކުރުމުގެ އުޞޫލުތަކާއި އެއްގޮތަށް ކަމަށެވެ.

ސިވިލް ކޯޓުން ބުނީ ދީބާޖާއަށް ބަދަލު ދިނުމަށް ކުރި ޙުކުމް 2015ވަނަ އަހަރުގެ މެއި މަހުގެ 20ވަނަ ދުވަހުވެސް ސިވިލް ކޯޓަށް ހުށަހެޅިގެން ދިޔަ ކަމަށާއި ނަމަވެސް ބަދަލު ދިނުމުގެ މައްސަލަ އިސްތިއުނާފުގެ މަރުހަލާގައި އޮތުމުން އެ މައްސަލައަށް ގޮތެއް ކަނޑައެޅެމުން ނޫނީ އެ ޙުކުމް ތަންފީޒު ކުރުމުގެ ބައި ކުރިއަށް ނުގެންދެވޭނެތީ އެގޮތަށް 2015ވަނަ އަހަރުގެ ޖޫން މަހުގެ 15ވަނަ ދުވަހު ޙުކުމް ކޮށްފައިވާނެ ކަމަށެވެ.

ހުކުމް ތަންފީޒު ކުރުމުގެ އުސޫލުގެ ދަށުން އެފަދަ މައްސަލަތައް ސުލްހަވެރިކޮށް ހައްލުކުރުމަށް ފޮނުވަން ނުޖެހޭނެކަމަށްވެސް ސިވިލްކޯޓްގެ ބަޔާނުގައިވެއެވެ. އަދި އެކަން އެކުލަވާލާފައިވާ އުސޫލަށް ބެލުމުން ކޮންމެ މީހަކަށްވެސް އޮޅުމެއް ނެތި ސާފުކޮށް އެނގޭނެކަމަށާއި ދީބާޖާ މައްސަލައަކީ ސިވިލް ކޯޓުން އިސްވެ ޙުކުމް ތަންފީޒުކުރުމަށް ފޮނުވާފައިވާ މައްސަލައެއްކަމަށްވެސް ސިވިލް ކޯޓުގެ ބަޔާނުގައި ވެއެވެ.

ދީބާޖާގެ މައްސަލާގައި ޙުކުމް ތަންފީޒުކުރުމަށް ބޭއްވި ފުރަތަމަ އަޑުއެހުން ސިއްރުކުރީ ޤާނޫނު އަސާސީން ފަނޑިޔާރުންނަށް ލިބިދޭ ބާރުގެ ދަށުންކަމަށާއި އެ މައްސަލާގައި ދެން އޮންނަ އަޑުއެހުންތައް ކުރިޔަށް ގެންދާނީ ހުޅުވާލައިގެންކަމަށްވެސް ސިވިލްކޯޓްގެ ބަޔާނުގައިވެއެވެ.

ސިވިލް ކޯޓުން މި ބަޔާން ނެރެފައިމިވަނީ ދީބާޖާގެ ޙުކުމް ތަންފީޛުކުރުމުގެ މައްސަލަ ބާޠިލްކުރުމަށް ދައުލަތުން އެދިފައި ވަނިކޮށެވެ. އެޓަރނީ ޖެނެރަލް އޮފީހުން މިދިޔަ އަންގާރަ ދުވަހު ބުނެފައިވަނީ ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ޙުކުމް ތަންފީޛުކުރުމުގެ މައްސަލަ ސިވިލް ކޯޓުން ހިންގަނީ ޙުކުމް ތަންފީޛުކުރުމުގައި ޢަމަލުކުރާ އުޞޫލުތަކާ ޚިލާފަށްކަމަށެވެ.