ކުޅިވަރު

ސަރަހައްދީ ގައުމުތަކުން މުބާރާތްތަކުގެ މިންގަނޑުތަކާއި ޚިލާފު ވުމަކީ ރާއްޖެއަށް ކާމިޔާބީހޯދަން އޮތް ބޮޑު ހުރަހެއް - ޖަޑާ


ސަރަހައްދީ ގައުމުތަކުން މުބާރާތްތަކުގައި މިންގަނޑުތަކާއި ޚިލާފު ވުމަކީ ރާއްޖެގެ ޒުވާން ގައުމީ ޓީމުތަކަށް މުބާރާތްތަކުން ރަނގަޅު ކާމިޔާބީތަށް ހޯދުމުގައި ދިމާވާ އެންމެ ބޮޑު ހުރަސް ކަމަށް ސޯޅަ އަހަރުން ދަށުގެ ގައިމީ ފުޓުބޯޅަ ޓީމުގެ ކޯޗް ހުސައިން ހަލީމް ޖަޑާ ބުނެފިއެވެ.

ޖަޑާބުނީ ރާއްޖޭގެ ޒުވާން ޓީމުތަކުގައި ހުނަރުވެރި ކުޅުންތެރިން އެބަތިބި ކަމަށާއި، ނަމަވެސް ސަރަހައްދީ މުބާރާތްތަކުން ކާމިޔާބީ ހޯދުމުގައި ގިނަ ހުރަސްތެއް އެބަހުރި ކަމަށެވެ.

އެގޮތުން ޖޫނިއާ ލެވެލްގެ ސަރަހައްދީ މުބާރާތްތަކުގައި އުމުރު އޮޅުވާލައިގެން ގިނަ ގައުމުތަކުން ވާދަކުރުން އެއީ ރާއްޖެފަދަ ގައުމުތަކަށް ޖޫނިއާ ލެވެލްގައި ކާމިޔާބީ ހޯދުމުގައި ދިމާވާ އެންމެ ބޮޑު އެއް ދަތިކަމަށެވެ.

ޖަޑާބުނީ ސާފް ސަރަހައްދުގައި ގިނަ ގައުމުތަކުން ޖޫނިއާ ލެވެލްގައި ވާދަކުރަނީ އުމުރު އޮޅުވާލައިގެން ކަމަށާއި، ޚާއްސަކޮށް ސާފް ޗެމްޕިއަންޝިޕްގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ އުމުރު އޮޅުވާލައިގެން ކުޅުން ކަމަށެވެ.

ޖަޑާބުނީ މީގެ ސަބަބުން ރާއްޖެއަށް ޖޫނިއާ ލެވެލްގައި ކާމިޔާބީ ނުހޯދުނުކަމުގައި ވިޔަސް ސީނިއާ ލެވެލްއަށް ދާއިރު ރާއްޖެއަށް މީގެ ސަބަބުން އެޑްވާންޓޭޖް ބޮޑު ކަމަށެވެ.

"މުބާރާތަށް ޓީމު ގިވައިގެން އެހިސާބަށް ދިޔައިމަ އެނގޭނެ މިއީ ދޮގެއް ނޫންކަން، ޚާއްސަކޮފް ސާފް މުބާރާތުގައި އުމުރު އޮޅުވާލައިގެން އޯވާރ އޭޖް ކުޅުންތެރިން ލައްވާ ކުޅުންވުން އެއީ ދިމާވާ ވަރަށް ބޮޑު ގޮންޖުމެއް، އެކަމު ފަހުން މީގެ އެޑްވާންޓޭޖް އޮތީ ރާއްޖެއަށް، ސީނިއާ ލެވެލްއަށް ދާއިރު ރާއްޖެއަށް ކާމިޔާބީ ހޯދަން ފަސޭހަވާނެ" ހުސައިން ހަލީމް ޖަޑާ ބުންޏެވެ.

ރާއްޖޭގެ ސޯޅަ އަހަރުން ދަށުގެ ގައުމީ ޓީމުން މިހާރު އަންނަނީ މިއަހަރުގެ ޖުލައިމަހު ރާއްޖޭގައި ބާއްވަން ތައްޔާރުވަމުން އަންނަ ޔޫއެފާ ކުއަޑްރަންގިއުލާ މުބާރާތަށް ތައްޔާރުވަމުންނެވެ. މިމުބާރާތުގައި ރާއްޖެއާއި ސައުދީ އަރަބިއްޔާގެ އިތުރުން އޭޝިއާ އަދި ޔޫރަޕްގެ އެއްގައުމު ވާދަކުރާނެއެވެ.