ޚަބަރު

ޤައުމީ އިނާމު މިއަހަރުންފެށިގެން ދޭނީ ޤައުމީ ދުވަހު


ސަރުކާރުން ކޮންމެ އަހަރަކު ދެއްވަމުން ގެންދަވާ ޤައުމީ އިނާމު، މި އަހަރުން ފެށިގެން ޤައުމީ ދުވަހު ދެއްވާގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ.

މިކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ މިގޮތަށް ހަމަޖެއްސަވާފައިވަނީ ޤައުމީ އިނާމަކީ ޤައުމަށް ތަފާތު އެކި ރޮނގު ރޮނގުން ޚިދުމަތް ކުރައްވާ ބޭފުޅުންގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ދެއްވާ އިނާމަކަށްވާތީ، މިއިނާމު ދެއްވުން އެންމެ އެކަށީގެންވާ މުނާސަބަތަކީ ޤައުމީ ދުވަހުގެ މުނާސަބަތު ކަމަށްވާތީކަމަށެވެ.

1979ވަނަ އަހަރު އޭރުގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ޤައުމީ އިނާމު ދެއްވަން ފެށްޓެވީ މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. ނަމަވެސް ފަހުން މިއިނާމު ދެއްވާފައިވަނީ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

ޤައުމީ ދުވަހު ޤައުމީ އިނާމު ދެއްވާގޮތަށް ހަމަޖެއްސެވުމުން، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމުތައް ދެއްވާނީ، މިހާރެކޭވެސް އެއްގޮތަށް ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައިކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މި އަހަރު ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރްޞަތު، އަންނަ ޖޫން މަހުގެ 10ވަނަ ދުވަހު، ޤައުމީ އިނާމާބެހޭ ކޮމިޓީން ހުޅުއްވައިލައްވާގޮތަށް މިހާރުވަނީ ނިންމަވާފައެވެ. ޤައުމީ އިނާމު މިހާރު ދެވޭ މައިގަނޑު ދާއިރާތަކާއި، ރޮނގުތަކާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުގެ ޚިޔާލު، އެކޮމިޓީން މިހާރު ހޯއްދަވާކަމަށާއި، ޤައުމީ އިނާމުގެ އުޞޫލުތަކަށް ގެންނަންޖެހޭ އިތުރު ބަދަލުތައް ގެންނެވުމުގެ މަސައްކަތް، އެކޮމިޓީން މިހާރު ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔަގެ އޮފީހުން ވިދާޅުވިއެވެ.