ކުޅިވަރު

އޭޝިއާ ހޯޕްސްގެ ރިހި މެޑަލްއާއިއެކު ޒުވާން ޓީޓީ ކުޅުންތެރިޔާ ދީމާ ރާއްޖެ އަތުވެއްޖެ


އޭޝިއާ ހޯޕްސްގެ ރިހި މެޑަލްއާއިއެކު ރާއްޖޭގެ ޒުވާން ޓެބަލް ޓެނިސް ކުޅުންތެރިޔާ ދީމާ ޢަލީ ރާއްޖެ އަތުވެއްޖެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖުން ދީމާއަށް މަރުޚަބާ ދެއްނެވީ ކުޅިވަރާބެހޭ ވަޒީރު އަޙުމަދު މަހުލޫފް އާއި އެވުޒަރާގެ އިސްވެރިންގެ އިތުރުން ޓޭބަލްޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިސްވެރިންނެވެ.

ފަޚުރުވެރި ކާމިޔާބީއާއިއެކު ރާއްޖެ އައުމަށްފަހު ވީއައިޕީ ލައުންޖުގައި ވާހަކަ ދައްކަމުން ދީމާ ބުނީ، މިއީ ދީމާގެ ކެރިއަރުގައި ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީ ކަމަށާއި، ޚާއްސަކޮށް ވޯލްޑް ހޯޕްސްއިން ޖާގަ ލިބުމުން ވަރަށް އުފާވާ ކަމަށެވެ.

އަދި މި ކާމިޔާބީ ހޯދުމުގައި ޢާއިލާގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނުކަން ފާހަގަކޮށް ދީމާވަނީ މަންމަ އާއި ބައްޕައަށް ޝުކުރު އަދާކޮށްފައެވެ.

ދީމާބުނީ މުބާރަތުގައި ރަނގަޅު ނަތީޖާއެއް ހޯދަން ކޯޗުގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށެވެ.

"ވަރަށް އުފާވެއްޖެ އަނެއްކާވެސް ކާމިޔާބީއެއް ހޯދުނީ، ދެން ވޯލްޑް ހޯޕްސްއިން ޖާގަ ލިބުނީމަވެސް ވަރަށް ޕްރައުޑްވޭ، ދެން މަންމައަށާއި، ބައްޕަ އަށާއި، ކޯޗަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން، އެންމެންވެސް ވަރަށް ހިތްވަރުދިން، ވަރަށް މޯޓިވޭޓްކޮށްދިން." ދީމާ ބުންޏެވެ.


އޭޝިއާ ހޯޕްސް މުބާރާތުގެ ފައިނަލުގައި ދީމާ ބަލިވީ އިންޑިއާގެ ސަޔާނީ ޕަންޓާ އަތުން 3-1ސެޓުންނެވެ.

ދީމާ ވަނީ މުބާރާތުގެ ހޯޕްސް ކެޓަގަރީއިން ރިހި މެޑަލް ހޯދުމުގެ އިތުރުން ފަނަރަ އަހަރުން ދަށުގެ ކެޓަގަރީގައި ވާދަކޮށް ސެމީފައިނަލުގައި ކުޅެފައެވެ.

މީގެ އިތުރުން ދީމާ ވަނީ މުބާރާތުގެ އެންމެ މޮޅު ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނި ވޯލްޑް ހޯޕްސްއިން ޖާގަ ހޯދާފައެވެ. މިއީ ރާއްޖޭގެ ޓީޓީ ކުޅުންތެރިއަކު ވޯލްޑް ހޯޕްސްއިން ޖާގަހޯދި ފުރަތަމަ ފަހަރެވެ.