ޚަބަރު

އިސްލާޙުވާން ބޭނުންވާ ޤައިދީންނަށް އެންމެންގެ އެހީތެރިކަން ބޭނުންވޭ - ރައީސް މައުމޫން


ޖަލުތަކުގައި ތިބޭ މީހުންގެތެރެއިން އިސްލާޙުވެ އަލުން މުޖްތަމަޢަށް އަންނަން ބޭނުންވާ ފަރާތްތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުންވެސް އެހީތެރިވެދޭނެޖެހޭކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ، ޖަލުތަކުގެ ލައިބްރަރީއަށް ފޮތް ހަދިޔާކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ޖަލުތަކަށް ފޮތް ހަދިޔާ ކުރެއްވުމައްފަހު ވާހަކަފުޅުދައްކަވަމުންނެވެ.
ޖަލުތަކުގެ ލައިބްރަރީއަށް ފޮތް ހަދިޔާކުރުމަށް މިމަހުގެ 22 އިން 25 އަށް އަމީނިއްޔާ ސްކޫލުގައި ކުރިއަށްގެންދާ ހަރަކާތުގައި އެސްކޫލަށް ވަޑައިގެން ފޮތް ހަދިޔާކުރެއްވުމަށްފަހު ރައީސް މައުމޫނު ވިދާޅުވީ، ޖަލުތަކުގައި ކުށްކޮށްފައިވާ މީހުންނާއި، ކުށް ނުކުރާ މީހުންވެސް ތިބޭކަމަށާ، އެކަންކަން އެމަނިކުފާނު ދާދިފަހުން ޖަލުގައި ހޭދަކުރެއްވި މުއްދަތުގެ ތެރޭގައި ފެނިވަޑައިގެންވިކަމަށެވެ.

ޖަލުތަކުގައި ތިބޭ މީހުން އަންބުރާ މުޖުތަމަޢަށް އައުމަށް މަގުފަހިކުރުމަށް ހުރިހަ ފަރާތްތަކުގެ އެހީތެރިކަން ބޭނުންވާނެކަމަށާ، ހޯމް މިނިސްޓްރީއާއި ކަރެކްޝަނަލް ސަރވިސުން ކުރިއަށްގެންދާ ފޮތް ހަދިޔާކުރުމުގެ މި މުހިއްމު ޕްރޮގްރާމަކީ ޖަލުގައި ތިބޭ މީހުންނަށް ލިބިގެންދާނެ ބޮޑު ހިންހަމަޖެއްހުމެއްކަމަށް އެމަނިކުފާނު ވިދާޅުވި.

"އެންމެނަކީވެސް އިންސާނުން، އެންމެންގެވެސް އިންސާނީ ޙައްޤުތަކެއްވޭ. އަދި އެންމެވެސް ބޭނުންވޭ އިސްލާޙުވާން، އެންމެވެސް ބޭނުންވޭ އެނބުރި މުޖްތަމަޢަށް އަންނަން. އެހެންވީމަ މިކަމަށް މަގުފަހި ކުރުމުގެ ގޮތުން ކޮށްދެވެންއޮތް ހުރިހާކަމެއް ސަރުކާރުގެ ކަމާބެހޭ ހުރިހާ ހުރިހާ ފަރާތްތަކުންނާއި އަދި އަމިއްލަ ފަރުދުންވެސް ކުރަންޖެހޭނެ" މައުމޫން ވިދާޅުވިއެވެ.

ޖަލުތަކުގެ ލައިބްރަރީއަށް ފޮތް ހަދިޔާކުރުމަށް ހުޅުވާލާފައިވާ ފުރުޞަތުގައި ކުރީގެ ރައީސް މައުނުގެ އިތުރުން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދާއި، ކުރީގެ ޑިފެންސް މިނިސްޓަރ އަދި ދަނގެތި ދާއިރާގެ އިންތިޚާބީ މެންބަރު މުޙައްމަދު ނާޒިމާއި، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަދި ތިމަރަފުށީ ދާއިރާގެ އިންތިޚާބީ މެންބަރު ޢަބްދުﷲ ރިޔާޒް ވަނީ ގިނަ ޢަދަދެއްގެ ފޮތް ހަދިޔާކުރައްވާފައެވެ.
މިހުރިހާ ބޭފުޅުންވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ ފަހުކޮޅު އެކިއެކި މައްސަލަތަކުގެ ތުހުމަތުގައި އާއި ބައެއް ކުށްތައް ސާބިތުވެ ޖަލުހުކުމް ތަންފީޒުކުރައްވަން ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައެވެ.

ޖަލުތަކުގެ ލައިބްރަރީތަކަށް ފޮތް ހަދިޔާކުރުމުގެ ޕްރޮގްރާމް މާދަމާރޭ 11 ޖެހުމާހަމައަށް އަމީނިއްޔާސްކޫލްގައި ކުރިއަށްގެންދާނެކަމަށް ކަރެކްޝަނަލް ސަރވިސުން ވިދާޅުވެއެވެ.