އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަދި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރަށް ބޮޑު މުސާރައެއް ލިބޭ ގޮތަށް މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސްފައިވާ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް އެކުންފުނިން ދޮގުކޮށްފިއެވެ.
އައިލެންޑް އޭވިއޭޝަނުން މިކަމާ ގުޅިގެން ނެރުނު ނޫސް ބަޔާނުގައި ބުނީ، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަދި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރަށް މުސާރައިގެ ގޮތުގައި ލިބޭކަމަށް ބުނެ މީސްމީޑިއާގައި ފަތުރަމުންދާ އަދަދުތަކަކީ ޞައްޙަ މަޢުލޫމާތުތަކެއް ނޫންކަމަށެވެ.
އައިލެންޑް އޭވިއޭޝަންގެ ބަޔާނުގައި ސަރުކާރާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ ޗެއަރމަން، މެނޭޖިންގ ޑިރެކްޓަރު އަދި ބޯޑު ޑިރެކްޓަރުންގެ މުސާރަ އާއި އިނާޔަތްތައް އެއް ހަމައެއްގައި ހިފެހެއްޓުމުގެ ގޮތުން އެ މަޤާމުތަކަށް މުސާރަ އާއި އިނާޔަތްތައް ކަނޑައަޅަނީ ދިވެހި ސަރުކާރުން ކަމަށެވެ. އަދި ސަރުކާރުން ކަނޑައަޅާފައިވާ ގޮތާ ޚިލާފަށް ސަރުކާރުގެ ހުއްދަނެތި ކުންފުނިތަކަށް އެއްވެސް ބަދަލެއް ގެނެވެން ނޯންނަކަމަށްވެސް އައިލެންޑް އޭވިއޭޝަންގެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަކީ ޑިރެކްޓަރުންގެ ބޯޑުން ޢައްޔަނުކުރާ މަޤާމަކަށްވެފައި، އެ މަޤާމަށް އަދި ކުންފުނީގެ އެހެން މަޤާމުތަކަށް މުސާރަ އާއި ޢިނާޔަތްތައް ކަނޑައަޅަނީ ޑިރެކްޓަރުންގެ ބޯޑުން ފާސްކުރާ އޮނިގަނޑުގެ ތެރެއިންކަމަށްވެސް ބަޔާނުގައިވެއެވެ. އަދި މުސާރައިގެ އޮނިގަނޑަށް ގެނެވޭ ބަދަލުތަކަކީ މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދަ ލިބިގެން ނޫނީ ނުގެނެވޭނެ ބަދަލުތަކެއްކަމަށްވެސް އައިލެންޑް އޭވިއޭޝަންގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.